ކާ އެއްޗެހީގެ ރަހަ ބެލޭ ގޮތަށް ޓީވީ ސްކްރީން އެއް ޖަޕާނުގެ ޕްރޮފެސަރަކު ފަރުމާ ކޮށް އުފައްދައިފި އެވެ.
ޓޭސްޓް ދަ ޓީވީގެ ނަމުން ނަން ދެވިފައިވާ މި ޕްރޮޓޯޓައިޕް ޓީވީއިން ކާއެެއްޗެހީގެ ރަހަތައް ޓީވީގެ ސްކްރީނަށް ސްޕްރޭކޮށް އެއިން ރަހަ ބެލުމުގެ ފުރުސަތު ބެލުންތެރިންނަށް ދެއެވެ.
މި ޓީވީ އުފެއްދި ޕްރޮފެސަރު ހޮމެއި މިޔަޝިތާ ބުނި އެ ޓީީވީގެ ބޭނުމަކީ ގޭގައި ތިބެގެން ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރަހަތައް ބެލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި މި ޓީވީ އާއްމުކޮށް އުފައްދަން ފަށައިފި ނަމަ އޭގެ އަގަކަށް ވާނީ ގާތްގަނޑަކަށް 875 އެމެރިކާ ޑޮލަރު ކަމަށެވެ.
ހޮމެއި ދަނީ މި އުފެއްދުން އިތުރަށް ކުރިއެރުވޭނެ ގޮތްތަކާ ބެހޭ ގޮތުން މެނުފެކްޗަރުންނާ އެކި މަޝްވަރާތައް ކުރަމުންނެވެ. އޭގެ ތެރޭގައި ޓީވީއަށް ޖެހޭ ފްލޭވާ ސްޕްރޭތައް އިތުރު ކުރުން ހިމެނެ އެވެ.
މި އުފެއްދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ތައުރީފު ލިބެމުން ދިޔަ ނަމަވެސް ބައެއް މީހުން ވަނީ މިއީ ކޮވިޑް ހާލަތުގައި އުފައްދަން އެންމެ ރައްކާތެރި އުފެއްދުމެއްތޯ ސުވާލު އުފައްދާފަ އެވެ.
މީގެ ކުރިން ވެސް ހޮމެއި އާއި އޭނާގެ ދަރިވަރުން ވަނީ ކާނާގެ ރަހައާއި ބެހޭ އެހެން އުފެއްދުންތަކެއް ވެސް އުފައްދާފަ އެވެ. އޭގެ ތެރޭގައި ކާނާގެ ރަހަ މީރުކޮށްދޭ އުލެއް ހިމެނެ އެވެ.