މަސްތުވާތަކެއްޗާ ދެކޮޅަަށް ޑްރަގް އެންފޯސްމަންޓުން ކުރި މަސައްކަތުގެ ދަށުން ކ. މާފުށީގައި ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަ މީހަކު ހައްޔަރުކޮށްފި އެވެ.
މި ދެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި، 22 އަހަރުގެ ދިވެހި ފިރިހެނަކާއި، 21 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 34 އަހަރުގެ ދިވެހި ފިރިހެނަކާއި، 51 ދިވެހި ފިރިހެނަކާއި، 28 އަހަރުގެ ސްރީލަންކާ ފިރިހެނެކެވެ.
މި ހަ މީހުން ހައްޔަރުކުރީ ކ. މާފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރާ ކަމަށާއި، ގާނޫނާއި ގަވާއިދާ ހިލާފަށް އެރަށަށް ބަނގުރާ އެތެރެކޮށް ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
މިގޮތުން ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް އަދި މާފުށި ޕޮލިސް ސްޓޭޝަނުން ގުޅިގެން މިމަހުގެ ނުވަވަނަ ދުވަހު ހިންގި ދެ އޮޕަރޭޝަނުގައި، ހައްޔަރުކުރި މީހުންގެ ތެރެއިން 29 އަހަރުގެ މީހާއާއި 22 އަހަރުގެ މީހާ އަދި 21 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މާފުށީގެ ތިން ގެއެއް ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ފެނުމާއި ގުޅިގެންނެވެ. އަދި މި ތިން މީހުންނަށް މާފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
އޭގެ އިތުރުން 34 އަހަރުގެ މީހާއާއި 51 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާ ހައްޔަރުކުރީ، މާފުށި ކައިރީގައި އޮތް ސަފާރީއެއް ބަލައިފާސްކުރުމުގައި ކަމަށާއި، އެސަފާރީ ބަލައިފާސްކޮށް 88 ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެމީހުން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި ދެ މައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.