ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ މަސައްކަތް އިތުރު ހަރުފަތަކަށް ގިޔަރަކަށް ގެންދިޔުމުގެ މަސައްކަތް ކުރަންވާނެ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ޖަގަހާގައި "ޝުކުރިއްޔާ ލޮބުވެތި ރައްޔިތުން" ނަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަބަދުވެސް ފެންނަމުންދަނީ ޕީޕީއެމްގެ ޖަލްސާތަކުގައި އެމަނިކުފާނުގެ ގޮނޑިކޮޅު ހުސްކޮށް އިންނަތަން ކަމަށާއި ނަމަވެސް މިރެޔަކީ އެކަމަށް ބަދަލު އައި ރޭ ކަމަށެވެ. މިއާއެކު ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތައް އިތުރު ގިޔަރަކަށް ގެންދިޔުމަށް މަސައްކަތް ކުރަންވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"މި ހިސާބުން ފެށިގެން އަޅުގަނޑުމެން ކުރި މަސައްކަތް މި ގިޔަރުން މިއަށް ވުރެ މަތީ ގިޔަރަކަށް ޖައްސާނެ،" ވަރަށް ޖޯޝާއެކު ވާހަކަދައްކަވަމުން ޔާމީން ވިދާޅުވި އެވެ.
ދެ އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރެއްވުމަށްފަހު މިނިވަންވެވަޑައިގެން، ފުރަތަމަ ފަހަރަށް ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގާނޫނު ހެދުމުގެ ބާރާއި ގާނޫނު ތަންފީޒް ކުރުމުގެ ބާރު ވެސް ވަކިބަޔަކަށް ލިބިފައިވަނިކޮށް ހިތްވަރުގަދަކޮށް، ފޯރިގަދަކޮށް ދިވެހި ރައްޔިތުން ޖިހާދެއް ކުރައްވައިފި ކަމަށެވެ.
ޕީޕީއެމް/ ޕީއެންސީ މެމްބަރުން ކުރައްވަނީ މަސައްކަތަކީ ހައްގު މަގުގައި ކުރާ މަސައްކަތެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"މި މަސައްކަތުގައި ލީޑާޝިޕް ބޭފުޅުންނާއި، ހަރަކާތްތަކުގައި ބައިވެރިވި ބޭފުޅުންގެ އިތުރުން ހިތާއި ރޫހުން މިހަރަކާތްތަކުގައި ބައިވެރިވި ބޭފުޅުން ތިބިކަން އެނގޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ބާތިލުކުރުމަށް ފަހު އާންމުންނާ މުހާތަބުކުރި މިއީ ފުރަތަމަ ފަހަރެވެ. ޕާޓީގެ ބޮޑު ޖަލްސާއެއް ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ވެސް އިދިކޮޅުން އަންނަނީ ތައްޔާރުވަމުންނެވެ.