ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލައްވާފައިވާ ރިސާޗް ގްރޫޕާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައި އެ ދިރާސާގެ މަސައްކަތްކުރިޔަށްދާ ގޮތުގެ މައުލޫމާތު އޮޅުންފިލުއްވައިފި އެވެ.

މިއަދު މެންދުރުކުރީގައި ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު އައިސަތު އަލީ އާއި ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރު އޮން ސޯޝަލް ޕޮލިސީ ޑރ، މުސްތަފާ ލުތުފީ ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ތައުލީމީ ދާއިރާއިން ކުރިޔަށްގެންދާ މި ދިރާސާގެ މުހިންމުކަން ފާހަގަކުރައްވައި މިއީ ތައުލީމީ ދާއިރާގައި މިހާރު ހުރި މައްސަލަތައް ދެނެގަނެ އެ ދާއިރާއަށް މީހުން ޝައުގުވެރިކަން ކުޑަވާ ސަބަބުތައް ހޯދުމަށް މުހިންމު ދިރާސާއެއްކަން ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން މިކަމަކީ ސްކޫލްތަކުގައި ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަށާއި ޓީޗަރުންގެ ގާބިލުކަން އިތުރުކުރުމަށާއި ޓީޗަރުންގެ މުސާރައަށް ހެޔޮބަދަލެއް ގެނައުމަށް ކުރާ މަސައްކަތަށާއި އަދި ސްކޫލްތަކުގެ ތެރެއަށް ވަންނަމުންދާ ސްކޫލްގެ މާހައުލާ ނުގުޅޭ ފިކުރުތަކާއި ކަންކަމަށް ފިޔަވަޅުތައް އެޅުމަށް ވެސް އެހީތެރިވެދޭނެ މުހިންމު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ރައީސް ވަނީ ތައުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލައްވާފައިވާ މި ގުރޫޕުން ފުރިހަމަ ދިރާސާއެއް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނަށް އެބައޮތް ކަމުގައި ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ މި ދިރާސާގެ މުހިންމުކަން ފާހަގަކުރައްވައި މި ދިރާސާގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ އިތުރުން ސްކޫލްތަކުގައި އަދި ތައުލީމީ ދާއިރާގައި ހުރި ރަނގަޅުކުރަން ޖެހޭ މުހިންމު އެތައް ކަންތައްތަކެއް ފެނިގެންދާނެކަން ފާހަގަކުރައްވާފަ އެވެ.

ތައުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްޓަކައި އެކުލަވާލައްވާފައިވާ ހަ ބޭފުޅުންގެ މައްޗަށް އެކުލެވޭ މި ގުރޫޕުގައި ތައުލީމީ ދާއިރާއާ ގުޅޭ އެކި ރޮނގުތަކުގެ ހާއްސަ ތަޖުރިބާކާރު ބޭފުޅުން ހިމެނެ އެވެ. މި ގުރޫޕުން ކުރިޔަށްގެންދާ މި ދިރާސާގެ ކުރިއެރުންތައް ރައީސާއި ހިއްސާކުރައްވަމުން މިހާރު ދިރާސާގެ ޕްރޮޕޯސަލް އެޕްރޫވްކޮށް މައުލޫމާތާއި ޑޭޓާ އެއްކުރުމުގެ މަސައްކަތް ފަށާފައިވާކަން މި ގުރޫޕުގެ ބޭފުޅުން ފާހަގަކުރެއްވި އެވެ. އެގޮތުން ދިރާސާގެ ސާމްޕަލް ކަނޑައަޅައި ފޯކަސް ގުރޫޕްތަކުގެ އިންޓަވިއުތައް މިހާރު ކުރިޔަށްގެންދާކަމަށާއި އަދި ޓީޗަރުންގެ ސާރވޭ ކަރުދާސްތައް ފޮނުވަން ތައްޔާރުވަމުންދާކަމުގައި ވެސް ރިސާޗް ގުރޫޕުން ފާހަގަކުރެއްވި އެވެ

2019 ވަނަ އަހަރުގެ މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ ތައުލީމީ ދާއިރާގައި ހުރި މައްސަލަތަކާމެދު އިލްމީ ދިރާސާތަކެއް ހަދަންޖެހޭކަން ފާހަގަކުރައްވާފަ އެވެ.