ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކުރީގެ ސަރުކާރުން ހަދަން ފެށި އިންޓަރެކްޓިވް ވޯޓާ ފައުންޓަން މިރޭ އާއްމުންނަށް ހުޅުވާލައިފި އެވެ.
ތުރުކީގެ ކުންފުންޏެއް ކަމަށްވާ "އަލްކޭ އިންސާތު ސަނައީ ވެ ޓިކަރެޓް އޭއެސް"އާ ހަވާލުކޮށްގެން އެޗްޑީސީން 2017 ވަނަ އަހަރު ހަދަން ފެށި ފެންއަރުވާ ވަޑާން މިރޭ ހުޅުވީ، އެއީ ބޭކާރު ހަރަދެއް ކަމަށް ބުނެ އެޗްޑީސީގެ މިހާރުގެ މެނޭޖްމަންޓުން އެތައް ބަހަނާއެއް ދެއްކުމަށް ފަހު އެވެ.
މި ފެންއަރުވާ ވަޑާން ހުޅުވައިދެއްވީ ހުޅުމާލޭގައި ދިރިއުޅުއްވާ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ފެންއަރުވާ ވަޑާމެވެ. މީގެ ކުރިން މިނިވަން 50 އާ ދިމާކޮށް ޖުމްހޫރީ މައިދާނުގައި ބޮޑު ފެންއަރުވާ ވަޑާމެއް ހައުސިން މިނިސްޓްރީން ހެދި އެވެ. ނަމަވެސް އާ ސަރުކާރުން އެތަނުގެ މެއިންޓަނަންސް ރަނގަޅަށް ނުބެލެހެއްޓުމުން އެތަން ވަނީ ވަރަށް ބޮޑަށް ވީރާނާވެފަ އެވެ.
މި އިންޓަރެކްޓިވް ފައުންޓަންނަކީ މިއުޒިކާއި ލައިޓާއި އެއްވަރަށް ފެންގަނޑުގެ ހަރަކާތްތައް ޕްރޮގްރާމް ކުރެވިފައިވާ، ޖުމްލަ 20،000 އަކަފޫޓުގެ ޖާގައިގާއި ހަދާފައިވާ ބޮޑު ފެންއަރުވާ ވަޑާމެކެވެ. އަދި ފެން 15 މީޓަރާހަމައަށް ހަރަކާތްކުރުމުގެ ތެރޭގައި ހިއްލޭނެ އެވެ.
އެޗްޑީސީން ބުނީ އަލަށް ހުޅުވި މި އިންޓަރެކްޓިވް ފައުންޓަންއަކީ ސެންޓްރަލް ޕާކު ތަރައްގީކުރުމަށް ބަހާލައިފާ ޒޯންތަކުގެ ތެރެއިން މުހިއްމު އެއް ޒޯނެވެ.
މި ހަފުލާގައި ވާހަކަފުޅުދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވަނީ ރެކްރިއޭޝަން ޒޯނާއި، މިސްކިތެއް ހިމެނޭ ގޮތަށް އެ ސަރަހައްދު ތަރައްގީކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ހުސް ޖާގަތަކު ބޭނުންކުރުމަށް ކަނޑައަޅާފައިވާ އާބަން ފާމިން ސަރަޙައްދުގެ މަސައްކަތްތައް ފުޅާކޮށް މިފަދަ އޯޕަން ގްރީން ސްޕޭސްތަކުން މަންފާ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް ކުންފުނީގެ ފަރާތުން ކުރައްވާނެ ކަމަށް ސުހައިލް ވަނީ ވިދާޅުވެފަ އެވެ.