ސަރުކާރުގެ ބަޖެޓުން 1.2 ބިލިޔަން ރުފިޔާ ހަރަދުކޮށްގެން ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ހިންގަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މިޖަލްސާގައި އިތުރަށް ރައީސް ސޯލިހު ވިދާޅުވީ ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލުހޯދައިދިނުމަށް އަމާޒުކޮށް އަންނަ އަހަރުގެ ބަޖެޓުގައި އެކަނިވެސް 400 ހައުސިންގ ޔުނިޓް ކުޅުދުއްފުޓަށް ރިޒާވްކޮށްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އިތުރު 1000 ހައުސިންގ ޔުނިޓް ކުޅުދުއްފުށި ސިޓީގައި އެޅުމުގެ އަގުގެ މަސައްކަތް ބޭރުގެ ފަރާތަކާ މަޝްވަރާކޮށް ނިމުމަކަށް އައިސްފައިވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ބަޖެޓުގައި ހިމަނައިގެން، ސީދާ ބަޖެޓުން ހަރަދުކޮށްގެން، 1.2 ބިލިއަން ރުފިޔާގެ ބަޖެޓަކާއެކު، އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް އެބަ ހިންގަން." ރައީސް ސޯލިހު ވިދާޅުވި އެވެ.
މީގެ އިތުރުން މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހަނިމާދޫ އެއަރޕޯޓް، އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި އޭގެއިތުރުން، ރާއްޖޭގައި ފަށާ ހައި ސްޕީޑް ފެރީގެ އެންމެ ފުރަތަމަ ޕްރޮޖެކްޓް ފެށިގެން މި އަންނަނީ ބޮޑު ތިލަދުންމަތިން ކަމަށާއި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފެރީގެ ހިދުމަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ މި ސަރަޙައްދުގައި ހައި ސްޕީޑް ފެރީގެ މަސައްކަތްވެސް ފެށިގެންދާނެ. ޓޫރިޒަމާއި އަދި އޭގެއިތުރުން، މި ރަށުގައި މި ތަރައްޤީކުރާ ޓަރޝަރީ ހޮސްޕިޓަލާއި، އަދިވެސް އެނޫން ކަންތައްތަކުގެ ސަބަބުން މި ރަށުގަޔާއި، މި ސަރަޙައްދުގައި އިތުރު ވަޒީފާތައް އުފެދިގެންދާނެކަމީ ޝައްކެއްއޮތްކަމެއް ނޫން." ރައީސް ވިދާޅުވި އެވެ.