ހިތާމަވެރި ހާދިސާތައް ހިނގިޔަނުދިނުމަށްޓަކައި ގާނޫނުތަކާއި ގަވައިދުތަކަށް ރައްޔިތުން ބޯލެންބުވުމަށް ކައުންސިލްތަކުން މަސައްކަތް ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ.

ނައިބު ރައީސް ފައިސަލް މިގޮތަށް އެދިވަޑައިގަތީ މިއަދު ރައީސް އޮފީހުގައި ލ. ދަނބިދޫގެ ކައުންސިލަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވެފައި އެކިއެކި ހިތާމަވެރި ހާދިސާތައް ހިނގަމުންދާކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ އަދި އެފަދަ ހިތާމަވެރި ހާދިސާތައް ހިނގިޔަނުދިނުމަށްޓަކައި ގާނޫނުތަކާއި ގަވައިދުތަކަށް ރައްޔިތުން ބޯލެންބުވުމަށް ކައުންސިލްތަކުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި ނައިބު ރައީސާއި ދަނބިދޫ ކައުންސިލަރުން ވަނީ އެރަށުގެ ތަރައްގީ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

އެގޮތުން ކައުންސިލަށް އިދާރާ ހިންގުމަށް އައު އިމާރާތެއް ބޭނުންވެފައިވާކަމާއި ރަށު މިސްކިތުގެ މަރާމާތުގެ މަސައްކަތާއި ކުނި މެނޭޖްކުރުމުގައި ދިމާވެފައިވާ ދަތިތައް ކައުންސިލަރުން ފާހަގަކުރެއްވި އެވެ. އަދި ރަށުގެ ޒުވާނުންނަށް ފުޓްސަލް ދަނޑަކާއި ހުރިހާ އުމުރުފުރައަކަށްވެސް ބޭނުންކުރެވޭނެ އައުޓްޑޯ ޖިމެއްގެ ބޭނުން ޖެހިފައިވާކަމުގައި ކައުންސިލަރުން އެމަނިކުފާނުގެ އަރިހުގައި ދެންނެވި އެވެ. .

ކައުންސިލަރުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ސިއްހީ މަރުކަޒުގެ ހިންގުމުގައި ހުރި ދަތިތަކާއި އިންޖީނުގޭގެ މައްސަލަތައް ހައްލުކުރުމާއި ފެނާއި ނަރުދަމާގެ އިތުރުން ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ކުރެވެންހުރި ކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއެކު މަޝްވަރާކުރެއްވި އެވެ.

ނައިބު ރައީސް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާބެހޭ އެންމެފަހުގެ މައުލޫމާތު އެ މެންބަރުންނާއި ހިއްސާކުރައްވާފަ އެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ވެދެވެންހުރި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައިވެ އެވެ. އަދި ކަމާގުޅޭ އިދާރާތަކާއި ގުޅިގެން އެ މައްސަލަތައް ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވި އެވެ.