ރައީސް ޔާމީން ކަފާލާތުގެ ދަށުން މިނިވަންކުރަން ޖެހޭ ކަމަށާއި އެ ކަމުގައި މީހަކު ޖާމިނުކުރަން ޖެހޭނަމަ ޖާމިނުވާން ތައްޔާރަށް ހުންނެވި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެމަނިކުފާނު ޖާމިނު ޖާމިނުކޮށްފައި ނަމަވެސް ރައީސް ޔާމީން މިނިވަން ކޮށްދިނުމަށް އެދި ވަޑައިގަންނަވާ ކަމަށާއި އެކަމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުންތައް ފެށިފައިވާއިރު، ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރުމަށް ވެސް އެ މަނިކުފާނުގެ ވަކީލުން އެދިވަޑައިގެންފަ އެވެ.
ކަފާލާތުގެ ދަށުން މީހަކު ދޫކޮށްލާނަމަ މައިގަނޑު ތިން ކަމެއް އެބައޮތް ކަމަށާއި އޭގެ ތެރެއިން އެއްކަމަކީ ޝަރުތުތަކަކާއެކު ދޫކޮށްލުން ކަމަށާއި ދެވަނަ ކަމަކީ ފައިސާ ދީފައި ކަފާލާތުގެ ދަށުން ދޫކޮށްލުން ކަމަށާއި ތިން ވަނަ ކަމަކީ ޖާމިނުކޮށްފައި ދޫކޮށްލުންކަން އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ވަރަށް ސާބިތު ކަމާއެކީގައި މިދަންނަވަނީ ރައީސް ޔާމީން މިނިވަންކުރުމަށްޓަކައި ރައީސް ޔާމީންއަށް ކަފާލާތު ދިނުމަށްޓަކައި ޖާމިނުވުމަށް އަޅުގަނޑު މިހިރީ ހަމަގައިމުވެސް ތައްޔާރަށް. އަޅުގަނޑު އެކަންޏަކުން ނިންމައެއްނުލަން. އަޅުގަނޑު ދަންނަވާނީ މިތާތިޔަ ތިއްބެވި ކޮންމެ ބޭފުޅަކު ވެސް ރައީސް ޔާމީނަށް ކަފާލާތު ދިނުމަށް ތައްޔާރަށޭ ތިއްބަވާނީ. ރާއްޖޭގައި ތިބި އެއްލައްކަ ފަންސާސްހާސް މީހުން ވެސް ތިއްބަވާނީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފްގެ ވާހަކަފުޅުގައި ވަނީ ކުރިން ސުޕްރީމްކޯޓުން ކުރައްވާފައިވާ ބައެއް ޝަރީއަތްތަކަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ.
"ހަނދާން ހުންނާނެ ހަމަ ސުޕްރީމް ކޯޓުން އެބަހުރި ކަފާލާތުގެ ދަށުން ބައެއް ބޭބޭފުޅުން ދޫކޮށްލައްވާފައި. ރައީސް މައުމޫން ދޫކޮށްލެއްވި. ގާސިމް އިބްރާހީމް ވެސް ދޫކޮށްލެއްވި. ފާރިސް މައުމޫން ވެސް އަދި އިމްރާން ވެސް ދޫކޮށްލެއްވި. އަޅުގަނޑުމެން ރައްޔިތުން މިއަދު އިންތިޒާރު ކުރަމުން މިދަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ހުށައަޅުއްވާފައިވާ ހުށާއެޅުއްވުމަށް ވެސް އިންސާފުވެރި ހުކުމެއް ލިބިގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ހުކުމް ކުރުމުގައި ބިރުވެތި ވާންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާ ކަމަށް މީޑިއާތަކުން ފެނިވަޑައިގެންނެވި ކަމަށާއި އެބަސްފުޅަކީ ހުރިހާ ފަނޑިޔާރުން ވެސް ކަނުލާ އަޑުއައްސަވާނެ ބަސްފުޅަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އެކަމުގެ ބާވަތުން މިއަދު ދިވެހި ރައްޔިތުން މިއަދު ތިބީ އުއްތަމަ ފަނޑިޔާރު އެ ވިދާޅުވި ގޮތަށް ފަނޑިޔާރުގެއިން ހުކުމް ކުރާނެތޯ ނުވަތަ ނޫންތޯ ސުވާލު އުފެދިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ ހަތްވަނަ މާއްދާ ބުނާ ގޮތުންވެސް މިއީ ކޯޓުތަކަށްއޮތް ވަރަށް މުހިއްމު ހުތޫރަތްތެރި ވަގުތެއްކަމަށާއި ދިވެހި ރައްޔިތުން މިއަދު ކޯޓުތަކަށް އިޙްތިރާމްކުރަނީ އަދި އިތުބާރު ކުރަނީ ކިހާ މިންވަރަކަށްތޯ މިއީ މިއަދު އުފެދިފައިވާ ސުވާލުތައް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުން ވަރަށް އަދުލުވެރިކަމާއެކީގައި ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާކަން ކަށަވަރުކޮށްގެން މިމައްސަލައިގައި ހުކުމަކާ ހަމައަށް އައުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. މި ގައުމުގެ ހަމަޖެހުމާ ސުލްހަ މަސަލަސްކަމާ ރައްޔިތުން ޖުޑިޝަރީއަށް ކުރާ ހަމައެކަނި ދެމެހެއްޓުމަށްޓަކާ ވެސް އަޅުގަނޑު ދަންނަވާނީ ސުޕްރީމް ކޯޓަށް މިހާރު މި ހިނގަމުންދާ އިސްތިއުނާފްގެ މަރުހަލާގައި އަދުލުވެރި އިންސާފުވެރި ހުކުމެއް ކުރުމަކީ ރައްޔިތުން އިންތިޒާރު ކުރާ އަދި ރައްޔިތުން އުއްމީދު ކުރާ ކަމެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ހެެހެ ހެހެ ހެެ