މީގެ ތިން އަހަރު ކުރިން، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންގެ މިނިސްޓަރު ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް، ޝަރީއަތް ނިމެންދެން ބަންދުކޮށް، ހަތް މަސް ވަންދެން ބަންދުގައި ބެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ދެހާސް އަށާރަ ވަނަ އަހަރު ނަދީމް ހައްޔަރުކުރީ ގާނޫނީ ގޮތުން ވެރިކަމަށް ހޮވިފައިވާ ސަރުކާރެއް ގާނޫނާ ހިލާފަށް ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. މަޝްހޫރު އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ނަދީމް ހައްޔަރު ކުރުމަށް ފަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރީ މާޗް، 2018 ގައި ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ގާތްވެފައި ވަނިކޮށް ކްރިމިނަލް ކޯޓުންނެވެ.
ކުއްލި ހާލަތު އިއުލާންކުރުމާއެކު ޖިނާއި އިޖުރާތުގެ ގާނޫނަށް އޭރު އޮތީ އަމަލުކުރުން ހުއްޓާލާފަ އެވެ. އެކަމަކު ނަދީމު ޝަރީއަތް ނިމެންދެން ބަންދުކުރީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުންނެވެ. ހަތް މަސް ވަންދެން ނަދީމު ބަންދުގައި ބެހެއްޓުމަށްފަހު އޭނާ ބަންދުން ދޫކުރީ ސެޕްޓެމްބަރު، 2018 ގައި ބޭއްވި ރިޔާސީ އިންތިހާބު ނިމުމުމުންނެވެ.
އެ މައްސަލަ ނަދީމް ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. މިއަދު ތިން އަހަރު ފަހުން ހައި ކޯޓުން ކުރި ހުކުމުގައި ބުނީ، ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮއްވާ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ނަދީމް ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދުމުގެ ބާރެއް އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށެވެ.
ގާނޫނު އަސާސީ އޮތްގޮތުން ކުއްލި ނުރައްކަލުގެ ހާލަތަށް ބަދަލު ގެނެވޭނީ ހަމައެކަނި ރައީސަށް ކަމަށް ވާއިރު، ކުއްލި ނުރައްކަލުގެ ހާލަތުގެ ދެމި އޮއްވާ ޖިނާއީ އިޖްރައާތުގެ ގާނޫނަށް އަމަލު ކުރެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.
އެގޮތަށް އަމަލުކުރީ ހެޔޮ ނިޔަތެއްގައި ކަމަށް ދައުލަތުން ބުންޏަސް، އެއީ ގާނޫނާ ހިލާފަށް ކަމެއް ކުރަން ދެއްކޭނެ ސަބަބެއް ނޫން ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ. އަދި ކިތަންމެ ހެޔޮ ނިޔަތެއް އޮޮތަސް، ގާނޫނީ އިމުން ބޭރުން ކުރާ ކޮންމެ ކަމެއް ގާނޫނާ ހިލާފްވާނެ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.
ހައި ކޯޓުގެ އެ ހުކުމަކީ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމެކެވެ. އެ ހުކުމުގައި އިތުރަށް ބުނީ، ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮއްވައި ނަދީމް ޝަރީއަތް ނިމެންދެން ބަންދުކުރަން ދައުލަތުން އެދުނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންވެ، ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކުރަން ފެންނަ ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.