ފެންވަރު ރަނގަޅު އަދި ޒަމާނީ ބަދަލުތަކަށް ހުޅުވިފައިވާ ޕްރޮފެޝަނަލް ނޫސްވެރިކަމެއް ރާއްޖޭގައި އާލާކޮށް ދެމެހެއްޓުމަށްޓަކައި، ރާއްޖޭގެ މީޑިއާގެ ތަޖުރިބާކާރު ފަރާތްތަކާއި ޒުވާން ޓީމެއް ގުޅިގެން އާ މީޑިއާ ޕްލެޓްފޯމެއް ތައާރަފްކުރަން ތައްޔާރުވެއްޖެ އެވެ.
ނެކްސްޓް މީޑިއާ ގްރޫޕްގެ ނަމުގައި ފަށާ މި މީޑިއާ ކުންފުނީގެ ދަށުން، ދިވެހިންނަށް ބޭނުންތެރި އަދި ގަޔާވާ ތަފާތު ވައްތަރުގެ ކޮންޓެންޓް ގެނެސްދޭ ޕްލެޓްފޯމްތައް ތަރައްގީކުރަން ހަމަޖެހިފައިވެ އެވެ. އެގޮތުން ތައްޔާރުކުރަމުން އަންނަ ފުރަތަމަ ޕްލެޓްފޯމް ވަރަށް އަވަހަށް ލޯންޗުކުރާނެ ކަމަށް ނެކްސްޓް މީޑިއާ ގްރޫޕް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އެ ކުންފުނީގެ ސީއީއޯ ޝަމްއޫން އަފީފް ބުންޏެވެ. ޝަމްއޫނު ވަނީ "ހަވީރު" އަދި "މިހާރު"ގެ ބިޒްނަސް ޑިވެލޮޕްމަންޓް ހެޑުގެ ގޮތުގައި 10 އަހަރު މަސައްކަތް ކޮށްފައެވެ.
މި ކުންފުނީގައި އިސް ދައުރެއް އަދާކުރާ ނޫސްވެރިކަމުގެ ދާއިރާގެ ފަރާތްތަކަކީ:
●"ހަވީރު" ނޫސް އަދި "މިހާރު" ނޫހުގެ ކުރީގެ އެޑިޓަރު މޫސާ ލަތީފް
●"ހަވީރު" ނޫހުގެ ކުރީގެ އެޑިޓަރު އަދި ޔޫއޭއީގެ ގައުމީ ޔުނިވަސިޓީގައި މިހާރު ނޫސްވެރިކަން ކިޔަވައިދޭ އެސޯސިއޭޓް ޕްރޮފެސަރު ޑރ. އަލީ ރަފީގް
●"ހަވީރު" ނޫހުގެ ކުރީގެ މެނޭޖިން އެޑިޓަރު އަދި "ސަން"ގެ ކުރީގެ ޗީފް އެޑިޓަރު އަހްމަދު ޒާހިރު (ހިރިގާ)
●"ހަވީރު" އަދި "މިހާރު"ގެ ކުރީގެ ސީނިއަ އެސިސްޓެންޓް އެޑިޓަރު އާސިޔަތު މުހައްމަދު ސައީދު
●"ހަވީރު" އަދި "މިހާރު"ގެ ކުރީގެ އެސިސްޓެންޓް އެޑިޓަރު އަލީ ނާފިޒް
" ދިވެހި މީޑިއާގައި އާ ވަރަށް ގިނަ ކަންކަން ކުރެވެން ހުރިކަން އަޅުގަނޑަށް އަބަދުވެސް ގަބޫލުކުރެވޭ. މި ޓީމާ ގުޅުނީ އެކަންކަން ކުރެވޭނެކަމުގެ ޔަގީންކަން އޮތީމާ،" މޫސަ ބުންޏެވެ. "އަޅުގަނޑުމެންނާ އެކު ވަރަށް ހުނަރުވެރި ޒުވާން ޓީމެއް އެބަ އޮތް ދުވަހުން ދުވަހަށް ކޮންޓެންޓް އުފައްދަން. އަނެއްކާ ތަޖުރިބާކާރު ލިއުންތެރިންތަކެއް އެބަ ތިބި ފީޗާސް އާއި މުހިންމު ރިޕޯޓްތައް ލިއާނެ. އެެހެންވީމާ ކިއުންތެރިންނަށް ވަރަށް ރަނގަޅު، ކިޔާހިތްވާ ކޮންޓެންޓް ފޮރުކޮށްދެވޭނެ."
ނެކްސްޓް މީޑިއާ ގްރޫޕްގެ ދަށުން ލޯންޗުކުރަން ތައްޔާރުވަމުން އަންނަ ފުރަތަމަ ޕްލެޓްފޯމް ފަރުމާކޮށްފައި ވަނީ ޑިޖިޓަލް ކޮންޓެންޓް ގެނެސްދިނުމުގެ ފަހުގެ ގޮތްތައް ހިމަނައިގެންނެވެ.
"އަޅުގަނޑުމެން ނޫސްވެރިކަމުގެ މި މަސައްކަތް ފަށަނީ، މިހާރު ލިބެންހުރި ނޫސްވެރިކަމުގެ ފަހުގެ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން ނޫސްވެރިކަމުގެ ތަފާތު ތަޖުރިބާތަކެއް އާންމުންނާ ހަމައަށް ގެނެސްދިނުމަށް. ހަބަރާއި ފީޗާ އަދި ދިރާސާތައް ގެނެސްދިނުމުގައި ޑޭޓާ އާއި މަލްޓިމީޑިއާ އަދި ވިޝުއަލް ނޫސްވެރިކަމަށް ވަރަށް ބޮޑަށް އިސްކަން ދޭނަން،" އަލީ ރަފީގް ބުންޏެވެ.
ވަކި ފަރާތަކަށް ބުރަ ނުވެ، ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަކީ ނެކްސްޓް މީޑިއާ ގްރޫޕް އުފެއްދުމުގެ އެންމެ އިސް އެއް ބޭނުމެވެ. މި ޓީމުން މަސައްކަތްކުރާނީ އާންމުން އެންމެ ބޮޑަށް އެނގެން ބޭނުންވާ ކަންކަން ތިލަކޮށްދީ، ވަކި އަތަކަށް ނުޖެހި ތިބެ އެ ކަންކަން ގެނެސްދިނުމަކީ އެންމެ އިސް ވާޖިބު ކަމުގައި ބަލައިގެންނެވެ.
"ދުވަހެއް ދުވަހަކަށް ނޫސްވެރިކަމުގެ ފޭރާން ދަށްވަމުންދާތަން ފެންނާތީ، އިތުރު ހިތްވަރަކާ އެކު، އަދި ރަނގަޅު ޓީމަކާ އެކު، މަސައްކަތްތަކެއްކޮށް، ރަނގަޅު ނޫސްވެރިކަމެއް ކުރުމުގެ ނިޔަތާ އެކު މިޓީމާ ގުޅުނީ. ޓީމާ ދޭތެރޭ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބަ އޮތް،" ޒާހިރު ބުންޏެވެ.
މި ޕްލެޓްފޯމްގައި ހިމެނޭ ހަބަރާއި އެ ނޫން ވެސް މައުލޫމާތު ގެނެސްދޭނީ، ޕްރޮފެޝަނަލް ނޫސްވެރިކަމެއްގެ އަސާސްތަކާއި ފެންވަރު ހިފަހައްޓަން ވަރަށް ބޮޑު ސަމާލުކަމެއް ދީގެންނެވެ. އެގޮތުން، ޒިންމާދާރު އަދި ފެންވަރު ރަނގަޅު ނޫސްވެރިކަމެއް ކުރުމަށް މަގުފަހިކޮށްދޭނެ ސުލޫކީ މިންގަނޑުތަކާއިސްޓައިލް ގައިޑެއް ވަނީ ތައްޔާރުކޮށްފަ އެވެ.
"މިންގަނޑުތައް އެކުލަވާލާފައިވާނީ ބެސްޓް ޕްރެކްޓިސް އުސޫލުތައް ދިރާސާކޮށް އަދި ރާއްޖޭގެ ހާލަތަށް ވެސް ބަލައިގެން. އެ ހަމަތަކުގައި ހިފަހައްޓަން ވަރަށް ބޮޑަށް މަސައްކަތްކުރާނެ. ހެދޭ ގޯސްތަކުން ފިލާވަޅު ދަސްކޮށްގެން ރަނގަޅުކުރަމުން ގެންދާނީ،" އާސިޔަތު ބުންޏެވެ. "ނޫސްވެރިކަން ހަރުދަނާވެ، ފެންވަރު މަތިވީމާ އާއްމުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތައް އަންނަން ބާރުއެޅޭ. މިއީ ރާއްޖޭގައި ބޭނުންތެރިކަން ބޮޑުވެފައި އޮތް ކަމެއް. އެހެންވީމާ ޖާނަލިސްޓިކް އޮއްޓަރު ރަނގަޅު، މުއްސަނދި ކޮންޓެންޓް ގެނެސްދިނުމަކީ އަޅުގަނޑުމެންގެ އެންމެ އިސް އަމާޒު."
ޒަމާނާ އެކު މީޑިއާ އަށް އަންނަ ބަދަލުތައް ހެޔޮ ގޮތުގައި ބަލައިގަނެ، ޓެކްނޮލޮޖީގެ ކުރިއެރުންތައް މީޑިއާގެ ދާއިރާގައި ބޭނުންކުރަންނެކްސްޓް މީޑިއާ ގްރޫޕުން ވަރަށް ބޮޑު އިސްކަމެއް ދޭނެ އެވެ.
"ޕްރިންޓުން ޑިޖިޓަލް މީޑިއާ އަށް ބަދަލުވަމުން އަންނަ މި ދަނޑިވަޅުގައި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދިވެހި ނޫސްވެރިކަން ތަރައްގީކުރުމުގެ މުހިންމުކަން އިންތިހާ އަށް ބޮޑު. ހާއްސަކޮށް، ސޯޝަލް މީޑިއާ އާއި އެ ނޫން ވެސް އެކިއެކި މީޑިއަމްތަކުން 24 ގަޑިއިރު ކޮންޓެންޓް ލިބޭ މި ޒަމާނުގައި، ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމާއި ފެންވަރު ރަނގަޅު ލިޔުންތައް ގެނެސްދިނުން އަދި ތަފާތު ވައްތަރުގެ އާލާތްތަކާއި އުކުޅުތައް ބޭނުންކޮށްގެން ކޮންޓެންޓް މުއްސަނދިކުރަން ލިބިފައިވާ ފުރުސަތުގެ ބޭނުންހިފަން އަޅުގަނޑުމެން މަސައްކަތްކުރާނަން،" ނާފިޒް ބުންޏެވެ.