ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރު ނުކުޅެދުމުގެ ސަބަބުން ފަރުވާ ކުޑަވެ، އެތައް ބައެއްގެ ފުރާނެ ގެއްލިފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރު ނުކުޅެދި ފަރުވާ ކުޑަކުރުމުންގެ ސަބަބުން އެތައް ރައްޔިތުންނެއް ދުނިޔެ ދޫކޮށްފައިވާއިރު އެކަންކަން ތަހުގީގުކޮށް ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭ ކަމަށެވެ. އަދި މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާއަށް ވެސް ވަނީ ގޮވާލައިފަ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ، ކޮވިޑު ބަލީގައި މަރުވަމުންދާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު އެކަންކަމަށް ސަމާލުވެ ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކޮށްތިބޭތީ ކަންބޮނޑުވާ ކަމަށެވެ. އަދި އެފަދަ މަރުތަކުގައި ސަރުކާރުގެ ފަރުވާކުޑަކަމާއި އިހުމާލު ބޮޑުކަން ފާހަގަކުރެވެން ހުންނަ ކަމަށް ވެސް އެ ދެ ޕާޓީން ބުންޏެވެ.
އުމުރުން 10 އަހަރުގެ މިޝްކާ އާއި ގއ. ދާންދޫ ވިނަމަތި، މަރްޔަމް އިބްރާހީމް ވަކިވެދިއުމަކީ ވެސް އެފަދަ އިހުމާލުގެ ނަތީޖާ ކަމަށް ވަނީ ބުނެފަ އެވެ.
މަރްޔަމް އިބްރާހީމްގެ ހާލު ބޮޑުވެގެން އިމާޖެންސީގައި މާލެ ގެނެވުނު އިރު މަރްޔަމްއަށް ފަރުވާ ދިނުމަށް ފްލައިޓަށް އެރުވުނު ވެންޓިލޭޓަރުގެ ބެޓަރި ޗާޖު ހުސްވެ ވެންޓިލޭޓަރުގެ މަސައްކަތް ހުއްޓުމާއި ގުޅިގެން މަރްޔަމްއަށް ފަރުވާ ދެވިފައި ވަނީ އަތުން ޕަންޕުކޮށްގެންކަން އާއިލާއިން ވަނީ ހާމަކޮށްފައި ކަމަށާއި ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތަށް ވެސް ތައްޔާރުވެފައިވާ ސަރުކާރުން އިމާޖެންސީގައި ހާލު ބޮޑު މީހަކު ފްލައިޓަކަށް އަރުވާއިރު ފަރުވާއަށް ބޭނުންވާ އާލަތްތައް ހަމަކުރެވިފައިނުވުމަކީ ހިތާމަ ހުރި ކަމެއް ކަމަށް އިދިކޮޅުން ބުންޏެވެ.
ސަރުކާރުގެ ފަރުވާ ކުޑަ ކަމާއި އިހުމާލުގެ އަގު ދިވެހި ރައްޔިތުން ދައްކަން ޖެހެނީ ކިތައް ފުރާނައިންތޯ އާއި މިކަމުގައި ފަރުވާތެރިވެ ރައްޔިތުންގެ ފުރާނައަށް އިސްކަންދީގެން މަސައްކަތްކުރާކަށް ނުވޭތޯ ބުނެ އިދިކޮޅުން ވަނީ ސަރުކާރަށް ސުވާލުކޮށްފަ އެވެ.އަދި ކޮވިޑް ފެތުރުން މަދު ކުރުމުގައި ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ބަދަލުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ގޮވާލާފައިވެ އެވެ.