ހދ. ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވިހަން ގެންދިޔަ މާބަނޑު މީހެއްގެ އޯވަރީން 2.4 ކިލޯގެ ސިސްޓެއް ނަގައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ އެ ސިސްޓް ނަގާފައި ވަނީ ރ އަތޮޅުން އެ ހޮސްޕިޓަލަށް ވިހަން ގެންދިޔަ މީހެއްގެ އޯވަރީން ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ އެ މީހާގެ ވާތް ފަރާތު އޯވަރީގައި ބޮޑު ސިސްޓެއް އިންކަން ސްކޭނުން ފާހަގަކުރެވިގެން އެ ސިސްޓް ނަގަން ދެ ގަޑިއިރުގެ އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށެވެ. އަދި އެ އޮޕަރޭޝަން ކުރީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ އަންހެނުންގެ ބަލިތަކާ ބެހޭ ހާއްސަ ޑރ. ލުތުފީ ބާޝާ އެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުގައި މި އަންހެން މީހާގެ އޯވަރީން ނެގި ސިސްޓްގެ ދިގުމިނުގައި 24 ސެންޓި މީޓަރު އަދި ފުޅާމިނުގައި 20 ސެންޓި މީޓަރު ހުއްޓެވެ. އަދި ބަރުދަނުގައި 2.4 ކިލޯ ހުއްޓެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ އޯވަރީ ސިސްޓް ނެގި އޮޕަރޭޝަނަށް ފަހު މި އަންހެން މީހާގެ ގަޔަށް ތިން ޕައިންޓް ލޭ އަޅަން ޖެހުނު ކަމަށެވެ. އަދި ފަރުވާއަށް ފަހު މަންމައާއި ދަރިފުޅު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި ދެ މައިންގެ ހާލު ރަނގަޅު ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.