އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އަލުން ފެށިފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮންގްރެސްއަށް ރަސްމީކޮށް އަންގަވައިފި އެވެ. މިއީ ކޮންގްރެސްގެ ހުއްދައަކާ ނުލައި، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި އެ ސަރަހައްދުގައި އަސްކަރީ ބާރު ބޭނުންކުރުމުގެ ފުރުސަތު ހޯދުމަށް ސަރުކާރުން ކުރި ކަމެއްގެ ގޮތުގައި ބެލެވެ އެވެ.
ޖުލައި 10 ވަނަ ދުވަހު ފޮނުއްވި މި ސިޓީގައި ޓްރަމްޕް ވިދާޅުވެފައިވަނީ، މި އަސްކަރީ ފިޔަވަޅުތަކަކީ އެމެރިކާގެ ރައްޔިތުންނާއި، ގައުމީ ސަލާމަތާއި، އަދި ބޭރުގެ ސިޔާސަތުތައް ހިމާޔަތްކުރުމަށް ރައީސްގެ ހައިސިއްޔަތުން އޭނާއާ މަތިކޮށްފައިވާ ޒިންމާގެ ދަށުން އެޅުއްވި ފިޔަވަޅުތަކެއް ކަމަށެވެ.
މި ސިޓީގައި ޓްރަމްޕް ވަނީ މީގެ ކުރިން އެޅުއްވި ފިޔަވަޅުތަކުގެ ތަފްސީލު ދެއްވާފަ އެވެ. އޭގެ ތެރޭގައި އޭޕްރިލް 7 ގައި ދެ ހަފުތާގެ މުއްދަތަށް ހަމަލާބަދަލުކުރުން ހުއްޓާލުމަށް ކުރެއްވި އަމުރާއި، އެ މުއްދަތު އިތުރުކުރެއްވުމާއި، އަދި ސުލްހަވެރި ހައްލެއް ހޯދުމަށް ސަރުކާރުން ކުރި މަސައްކަތްތައް ހިމެނެ އެވެ. އެމެރިކާއިން އިޒްރޭލާ ގުޅިގެން އީރާނަށް ހަމަލާދޭން ފަށާފައިވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.
ޖޫން 17 ގައި އީރާނާއެކު ސޮއިކުރި އެއްބަސްވުމާ އީރާނުން ހިލާފުވެފައިވާ ކަމަށާއި، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް އީރާނުން ހަމަލާދީފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މިއީ އީރާނަށް އަލުން ހަމަލާދޭން އަމުރުކުރަން ޖެހުނު ސަބަބު ކަމަށްވެސް ފާހަގަކުރެއްވި އެވެ.
ހަމަނުޖެހުންތައް އިތުރަށް ގޯސްވަމުންދާތީ، އީރާނުގެ މުދާ އުފުލާ އުޅަނދުފަހަރު ގަލްފް ސަރަހައްދުގައި ދަތުރުކުރުން ހުއްޓުވުމަށް އެމެރިކާއިން އަލުން ފިޔަވަޅު އަޅަމުންދާނެ ކަމަށާއި، ހޮރްމުޒް ކަނޑުއޮޅި ބަންދުނުކޮށް ހުޅުވިފައި ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޖުލައި 13 ގައި ޓްރަމްޕް ވިދާޅުވި އެވެ. އެމެރިކާގެ ގާނޫނުއަސާސީ ބުނާގޮތުން ހަނގުރާމަ އިއުލާންކުރުމުގެ ބާރު އޮންނަނީ ހަމައެކަނި ކޮންގްރެސްއަށެވެ. ނަމަވެސް، ގައުމީ ސަލާމަތަށްޓަކައި ކޮންގްރެސްގެ ހުއްދައާ ނުލައި ކުރު މުއްދަތުގެ އަސްކަރީ ހަރަކާތްތައް ހިންގުމުގެ ބާރު ރައީސުންނަށް ލިބިގެންވާ ކަމަށް އެމެރިކާގެ ރައީސުން ޒަމާނުއްސުރެ ދައުވާ ކުރައްވަ އެވެ.
އެމެރިކާގެ "ވޯ ޕަވަރސް އެކްޓް" ބުނާގޮތުން، އަސްކަރީ ހަމަލާއެއް ދޭން ފަށާތާ 48 ގަޑިއިރުގެ ތެރޭގައި ރައީސް އެކަން ކޮންގްރެސްއަށް އަންގަންވާނެ އެވެ. އަދި ކޮންގްރެސްގެ ހުއްދައާ ނުލައި ފަށާ އަސްކަރީ ހަރަކާތްތައް 60 ދުވަހުގެ ތެރޭގައި ނިންމާލަން ޖެހެ އެވެ.
އީރާނާ ދެކޮޅަށް ކުރިއަށްދާ މި އޮޕަރޭޝަނުގެ ފުރަތަމަ 60 ދުވަހުގެ މުއްދަތު މެއި 1 އަށް ހަމަވި ނަމަވެސް، ހަމަލާބަދަލުކުރުން ހުއްޓާލުމާ ގުޅިގެން އެ މުއްދަތު ހަމަވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެ އެވެ. ނަމަވެސް، އީރާނުގެ ބަނދަރުތައް ބަންދުކޮށް، އެމެރިކާއިން ހަމަލާތައް ދެމުންދާއިރުވެސް ރައީސް މިހެން ވިދާޅުވުމުން، އިދިކޮޅު ޑިމޮކްރެޓުންނާއި ބައެއް ރިޕަބްލިކަން މެންބަރުން ބުނަނީ ސަރުކާރުން ގާނޫނު މާނަކުރަނީ ގޯސްކޮށް ކަމަށެވެ.
މިކަމާ ގުޅޭގޮތުން ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އިސް އޮފިޝަލަކު ވިދާޅުވީ، ހަތަރު ހަފުތާއަށް ދެމިގެންދާނެ ކަމަށް ބުނި ހަނގުރާމައެއް މަސްތަކަކަށް ދެމިގެންދާއިރު، އެކަން ނިމިފައިވާ ކަމަށް ބުނެ ރައީސަށް ހަގީގަތް އޮޅުވައިނުލެވޭނެ ކަމަށެވެ.
މީގެ އިތުރުން، އީރާނާ ދެކޮޅަށް ކުރިއަށްދާ މި ހަނގުރާމައިން އެމެރިކާ ސިފައިން ވަކިކުރުމަށް ސެނެޓާއި ހައުސްއިން ވަނީ ޖޫން މަހު ގަރާރެއް ފާސްކޮށްފަ އެވެ. މި ވޯޓަކީ މި ހަމަނުޖެހުންތައް ދިގުލައިގެން ދާތީ އޮތް ކަންބޮޑުވުންތައް ހާމަވެގެންދިޔަ ކަމެކެވެ.
މި ވޯޓާ ގުޅިގެން ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި، އެ ގަރާރަށް ތާއީދުކުރި މެންބަރުން މަސައްކަތް ކުރެއްވީ އީރާނަށް އެހީތެރިވުމަށާއި، ރައީސްގެ މަސައްކަތަށް ހުރަސް އެޅުމަށެވެ.
ރައީސާ ބައްދަލުކުރަން އެދޭ މީހުން ނޯޓުކުރަން ހުޅުވާލައިފި
އޭއައި އާއި ސޯޝަލް މީޑިއާއިން ސިއްހީ ލަފާ ހޯދުމަކީ ގޯހެއް!