އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓު ކުރާ ޕެޓްރޯލާއި ޑީސަލުން ނަގަމުން އައި ޓެކުހުގެ ބާވަތެއް ކަމަށްވާ "ރޯޑް އެންޑް އިންފްރާސްޓްރަކްޗާ ސެސް" (އާރުއައިސީ) ކަނޑާލަން އެ ގައުމުގެ ސަރުކާރުން އިއްޔެ ނިންމައިފި އެވެ.
ދެ ގައުމުގެ ވިޔަފާރީގެ ގުޅުމަށް ލިބުނު މި ކުރިއެރުން ރަސްމީކޮށް އިއުލާންކޮށް، އިންޑިއާގެ ސަރުކާރުގެ ގެޒެޓުގައި މިދިޔަ އަންގާރަ ދުވަހު ވަނީ ޝާއިއުކޮށްފަ އެވެ. އެ ދުވަހުން ފެށިގެން އަމަލުކުރަން ފެށި މި އިސްލާހުގެ ދަށުން، އިންޑިއާގެ ސަރުކާރު ހިއްސާވާ ތެޔޮ ކުންފުނިތަކުން ބޭރަށް ފޮނުވާ ތެލުން ނަގާ އާރްއައިސީ ކަނޑާލި ގައުމުތަކުގެ ލިސްޓަށް ރާއްޖޭގެ އިތުރުން މޮރިޝަސް ވެސް ވަނީ އިތުރުކޮށްފަ އެވެ.
މީގެ ކުރިން މިފަދަ ބޮޑު އިގްތިސާދީ ލުޔެއް އިންޑިއާއިން ދެމުން އައީ އަވަށްޓެރި ނޭޕާލް، ބޫޓާން، ބަންގްލަދޭޝް އަދި ސްރީ ލަންކާއަށް އެކަންޏެވެ.
މި ބަދަލުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް ތެޔޮ އެތެރެކުރާ ނަމަ އެ ތަކެތީގެ އަގު ވަރަށް ބޮޑަށް ހެޔޮވުމުގެ ފުރުސަތު އޮތް ނަމަވެސް، މިހާތަނަށް ރާއްޖެއަކީ އިންޑިއާގެ ތެލަށް ބަރޯސާވާ ގައުމެއް ނޫނެވެ. ރާއްޖެއަށް ބޭނުންވާ ޕެޓްރޯލާއި ޑީސަލް މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާނުންނެވެ. އަދި އޭގެ އިތުރުން މެލޭޝިއާ، ޔޫއޭއީ އަދި ސިންގަޕޫރަކީ ވެސް ރާއްޖެއަށް ޑީސަލާއި، ޕެޓްރޯލް އަދި ޖެޓް ފިއުލް އެންމެ ފުޅާދާއިރާއެއްގައި ސަޕްލައިކޮށްދޭ ގައުމުތަކެވެ.
އެހެން ނަމަވެސް ބައިނަލްއަގުވާމީ މައިދާނުގައި ހިނގަމުންދާ އީރާން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ ދަތިކަމެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމުން، ރާއްޖެއިން ވަނީ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފަ އެވެ. އެގޮތުން ހަކަތައިގެ ކަށަވަރުކަން ހޯދުމަށްޓަކައި އިންޑިއާއިން ތެޔޮ ގަތުމާ ބެހޭ ގޮތުން ދެ ގައުމުގެ ދެމެދުގައި ކުރިން މަޝްވަރާތަކެއް ކުރެވިފައިވާތީ، އިންޑިއާ ސަރުކާރުން އަލަށް މިދިން ޓެކްސް ލުޔަކީ މުސްތަގުބަލުގައި ރާއްޖޭގެ ހަކަތައިގެ ބާޒާރުގެ ހަމަޖެހުމަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެކެވެ.
ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން އެވޯޑު ބީއެމްއެލްއަށް
ހުޅުމާލޭ ފްލެޓެއްގައި ރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދައިފި