ހޮލީވުޑްގެ އެންމެ މަގްބޫލު އެއް ފިލްމު ފްރެންޗައިޒް ކަމަށްވާ "ލީގަލީ ބްލޮންޑް"ގެ ފޭނުންނަށް މިއޮތީ ވަރަށް އުފާވެރި ހަބަރެކެވެ. އެމެޒޯން ޕްރައިމް ވީޑިއޯއިން ތައްޔާރުކުރާ މި ފްރެންޗައިޒްގެ އާ ސީރީޒް 'އެލް'ގެ ރަސްމީ ފުރަތަމަ ޓީޒާ ޓްރެއިލާ މިހާރު ވަނީ އާންމު ކޮށްފަ އެވެ.

މި ސީރީޒްއަކީ 2001 ވަނަ އަހަރު ރީސް ވިތަސްޕޫން ފެނިގެންދިޔަ މަގްބޫލުކަމެއް ހޯދި ކެރެކްޓާ "އެލް ވުޑްސް"ގެ ހައިސްކޫލް ދައުރު ދައްކުވައިދޭ ޕްރީކުއަލް (މާޒީ ކިޔައިދޭ) ސީރީޒް އެކެވެ.

އާ ސީރީޒްއިން ޒުވާން އެލް ވުޑްސްގެ ރޯލުން ފެނިގެންދާނީ މަޝްހޫރު ޒުވާން ބަތަލާ ސަވާނާ ލީ ފްލައިޝާ އެވެ. އޭނާ މީގެ ކުރިން ފެނިގެން ގޮސްފައިވަނީ "ގޮސިޕް ގާލް" ގެ ރީބޫޓް ސީރީޒްއިންނެވެ.

މި ސީރީޒްގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި އޮރިޖިނަލް އެލް ވުޑްސް، ރީސް އަމިއްލައަށް ހަރަކާތްތެރިވެ އެވެ. ރީސް ބުނިގޮތުގައި ސަވާނާ އަކީ މި ރޯލަށް އެންމެ އެކަށީގެންވާ، އެލް ވުޑްސްގެ ހުންނަ ސާފު، ހިތްހެޔޮ އަދި ހިތްވަރުގަދަ ސިފަތައް ދެއްކޭނެ ތަރި އެކެވެ.

މި ސީރީޒްއިން ފެނިގެންދާނީ 1990 ގެ އަހަރުތަކުގައި އެލް ވުޑްސް ހައިސްކޫލްގައި އުޅުނު ދުވަސްވަރެވެ. އޭނާގެ ރަންކުލައިގެ އިސްތަށިގަނޑާއި، ފިޔާތޮށި ކުލައިގެ ހެދުންތަކާއެކު، ހައިސްކޫލްގެ ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލަމުން، މިއަދު އަހަރެމެންނަށް މިފެންނަ ވަރުގަދަ އަންހެން ކެރެކްޓާއަށް އޭނާ ބަދަލުވި ގޮތުގެ ދަތުރެވެ.

އެމެޒޯންއިން ރަސްމީކޮށް ވަކި ތާރީހެއް އަދި އިއުލާން ނުކުރި ނަމަވެސް، ރިޕޯޓްތައް ބުނާގޮތުން މި ސީރީޒް ޕްރައިމް ވީޑިއޯ މެދުވެރިކޮށް ބެލުންތެރިންނަށް ފެންނާނީ 2027 ވަނަ އަހަރުގެ ކުރީ ކޮޅުގަ އެވެ. ސީރީޒްގެ ޝޫޓިންގްގެ ބޮޑު ބައެއް މިހާރު ވަނީ ނިންމާލާފަ އެވެ.

"ލީގަލީ ބްލޮންޑް 3" ފިލްމެއް އުފެއްދުމުގެ މަސައްކަތްވެސް ހުއްޓުމެއް ނެތް ކުރިއަށްދާއިރު، އާ ސީރީޒްއާއެކު މި ފްރެންޗައިޒްގެ ފޭނުން ތިބީ ވަރަށް ބޮޑު އިންތިޒާރެއްގަ އެވެ.