ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެވެ.
މި ބިލުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެފަދަ ވޯޓެއް ނެގުމުގެ އެންމެހާ ހަމަތައް ވަނީ ބަޔާންކޮށްފަ އެވެ.
މިގޮތުން ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ކަންކަމަކީ:
1) ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި
2) ގައުމީ މުހިންމު މައްސަލަތަކުގައި
3) ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް
4) ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައެޅުމުގެ މާއްދާ
5) ރިޔާސީ ދައުރު ކަނޑައެޅުމުގެ މާއްދާ
6) ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް ބަޔާންކުރާ މާއްދާ
7) ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރުމުގެ މާއްދާ
8) ރާއްޖޭގެ ސަރަހައްދު ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާ މާއްދާ
9) ގާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައި، އެ ބިލަކަށް ރުހުން އޮތްތޯ ބެލުމަށް
މި ބިލުގައިވާގޮތުން ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ވޯޓަކަށް ދިޔުމަށް މަޖިލީހުގެ އަގުލަބިއްޔަތުން ގަރާރެއް ފާސްކުރަން ޖެހޭއިރު، ގައުމީ މުހިންމު މައްސަލަތަކުގައި ވޯޓަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމޭނެ އެވެ. އަދި އެއް މައްސަލައަށް ވުރެ ގިނަ މައްސަލައަށް ވޯޓަށް އެހުމަށް މި ގަރާރުތަކުން ކަނޑައެޅިދާނެ ކަމަށާއި، މިފަދަ ގަރާރެއް އަނބުރާ ގެންދެވޭނީ ވޯޓު ނެގުމުގެ ތާރީހު އިލެކްޝަން ކޮމިޝަން (އީސީ) އިން އިއުލާން ކުރުމުގެ ކުރިން ކަމަށް ވެސް ބިލުގައިވެ އެވެ.
ފަދަ ވޯޓެއް ނަގަން ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އީސީއިން އިންތިހާބު ބާއްވަން ޖެހޭނެ ކަމަށާއި، އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މި ސިއްރު ވޯޓުގައި ބައިވެރިވެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރާއި ރައީސް ސޮއިކޮށް ނެރޭ ގަރާރާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި އަދި، އެމައްސަލައާ އެއްކޮޅަށް، ހުރި ހުއްޖަތުތަކާއި ދެކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ހިމަނަން ޖެހޭއިރު، އެކުލަވާލާ ކަރުދާސް ވޯޓު ނެގުމުގެ މަދުވެގެން 21 ދުވަސް ތެރޭގައި އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަން މި ބިލުގައި އީސީގެ މައްޗަށް ލާޒިމު ކުރެ އެވެ.