ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މިދިޔަ އަހަރު ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ވަކީލް ފާތިމަތު ހަލީމް ވިދާޅުވީ ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓަށް ބެލޭނީ ގާނޫނެއް ނުވަތަ ގަވާއިދުތަކުގެ މައްސަލަތައް ކަމަށްވާތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ވަކީލާ ވިދާޅުވި އެވެ. އަދި އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިޖްރާއީ އިއުތިރާޒެއް ސުޕްރީމް ކޯޓުގައި މިއަދު ދައުލަތުން ނެގި އެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގެ އަޑު އެހުމަށްފަަހު އެމްޑީޕީގެ ވަކީލުން ސުޕްރީމް ކޯޓުން ނުކުންނަނީ. ފޮޓޯ: އެމްޑީޕީ

ދުސްތޫރީ މައްސަލާގެ ތެރެއަށް އެ މައްސަލަ ނުވަންނަ ސަބަބެއް ބުނެދިނުމަށް ފަނޑިޔާރުންގެ ބެންޗުން އެންގެވުމުން އިޖްރައާތުތައް ފުރިހަމަ ކުރުމަށްފަހު ގާނޫނު އަސާސީއަށް ގެންނަ އިސްލާހެއްނަމަ އެ މައްސަލަ ނުބެލޭނެ ކަމަށެވެ.

https://www.youtube.com/watch?v=bi9jnhFxdMM&t=2s

މަޖިލީހުން ހިތުހުރި ގޮތަކަށް އަމަލުކުރުމުން ވެސް ސުޕްރީމް ކޯޓަށް މައްސަލަ ނުބެލޭނެތޯ ބެންޗުން ސުވާލު އެއްސެވި އެވެ. އަދި ދައުލަތުން ވަކާލާތު ކުރާގޮތުގެ ސަބަބުން މުޅި ދައުލަތުގެ ބާރުތައް އެއްކޮށް ހަނިވެގެން ހިނގައިދާނެ ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ. އަދި ދައުލަތުގެ ދީން ގާނޫނުއަސާސީގައި ބަދަލުކޮށްފިނަމަ ދެން ހަދާނީ ކިހިނެތްތޯ ސުވާލު ކުރެއްވިއެވެ.

"އޭގެ ނަތީޖާއަކަށް ވެގެންދާނީ އެކަމަށް ހައްލެއް ދޭނެ ފަރާތެއް ދިވެހި ދައުލަތުގައި ނެތުން." ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި އެވެ.

"މިއީ ވަރަށް ހުތޫރަތްތެރި ކަމެއް ދައުލަތުގެ ނިސްބަތުން." ކުރިން ބަންޑާރަ ނައިބުކަން ކުރެއްވި ސުއޫދު ވިދާޅުވި އެވެ.

ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވެސް ގިނަ ސުވާލުތަކެއް ދައުލަތަށް އަމާޒު ކުރެއްވި އެވެ.

ކޮންމެ ސުވާލެއްގެ ޖަވާބުގައި ވެސް ދައުލަތުން ބުނީ ގާނޫނުއަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުންތައް ކޯޓަށް ބާތިލް ކުރެވޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބައްލަވާ އެ މައްސަލާގައި އިތުރު އަޑުއެހުމެއް މާދަމާ ވެސް ބާއްވާނެ އެވެ.