އޮންލައިން ވިޔަފާރީގެ ޕްލެޓްފޯމެއް ކަމުގައިވާ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ކުރާ ސްކޭމްތައް އިތުރުވަމުންދާތީ ރައްޔިތުން ސަމާލުވުމަށް ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.
މަކާރާއި ހީލަތުން މީހުންގެ އަތުން ފޭރުމުގެ އަމަލުތަކަށް ސަމާލުވުމުގެ ގޮތުން އަގުހެޔޮކޮށް ނުވަތަ ފައިދާހުރި ޑީލެއްގެ ގޮތުގައި ފެންނަ އެއްވެސް އެއްޗެއް ގަތުމުގެ ކުރިން، އެކަށީގެންވާ ވަރަށް ދިރާސާކުރުމަށް ސައިބަރ ކްރައިމް ސެންޓަރުން ލަފާދީފައިވެ އެވެ.
އަދި ވިއްކާ ފަރާތުގެ ޕްރޮފައިލް ރަނގަޅަށް ބެލުމަށާއި، ހާއްސަކޮށް އައު އެކައުންޓްތަކާއި، މައުލޫމާތު މަދު ޕްރޮފައިލްތަކާއި، ރައްޓެހިން މަދު އެކައުންޓްތަކާމެދު އިތުރަށް ސަމާލުވުމަށް އެ އިދާރާއިން އެދިފައި ވެއެވެ.
އިތުބާރުހުރި މުއާމަލާތެއް ކުރުމަށްޓަކައި، ކޭޝް އޮން ޑެލިވަރީގެ ހިދުމަތް ބޭނުންކުރުމަށް ސައިބަރ ކްރައިމް ސެންޓަރުން ލަފާދީފައި ވެއެވެ. މިގޮތުން މުދާ ލިބުމާއެކު އެ މުދަލެއް ބަލައި ޗެކްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި، ވިޔަފާރީގެ މުއާމަލާތް ދެފަރާތުގެ ރުހުމުގައި ކުރިއަށް ގެންދިއުމަށް އިރުޝާދުދީފައި ވެއެވެ.
ފަހަކަށް އައިސް މިފަދަ ސްކޭމްތައް ހިންގުމުގައި އެކި ބާވަތުގެ ހީލަތްތެރި އުކުޅުތައް ބޭނުންކުރަމުންދާތީ، މިކަމާމެދު ހާއްސަ ސަމާލުކަމެއް ދިނުމަށް ސައިބަރ ކްރައިމް ސެންޓަރުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.