ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިން މައްސަލައިގައި ހިންގަމުންދާ ޖިނާއީ ތަހުގީގުގެ ތެރެއިން، ވަޒީފާއިން ސަސްޕެންޑު ކުރެވުނު ބައެއް މުވައްޒަފުންނަށް އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް ގެނެސްފައިވާ ކަމަށް އެޗްޑީސީން މިއަދު ހާމަކޮށްފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ކުންފުނީގެ ބައެއް އިސްވެރިން ހިމެނޭގޮތަށް 15 މުވައްޒަފަކު ވަނީ ސަސްޕެންޑު ކޮށްފަ އެވެ. އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށްފަހު، ތިން ދުވަސް ފަހުން އަނބުރާ ވަޒީފާ ދީ، އަލުން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
ސަސްޕެންޑު ކުރެވުނު ގިނަ މުވައްޒަފުންނަކީ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް ޑިސެމްބަރު މަހު އިސްތިއުފާ ދެއްވި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާ ގާތް ގުޅުން އޮންނަ މުވައްޒަފުންނެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ އޭރުގެ މެނޭޖިން ޑިރެކްޓަރު ފަޒުލްގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް ބިންވެރިޔާ ސްކީމުގެ ދަށުން ނުލިބޭ ގޯއްޗެއް ދީ ރަޖިސްޓްރީ ދޫކުރި މައްސަލަ ސޯޝަލް މީޑިއާގައި ފަޅާއަރުވާލުމާއި އެކު އެވެ.
މި މައްސަލައިގައި ފަޒުލްގެ މައްޗަށް އެޗްޑީސީގެ މުހިންމު ލިޔެކިޔުންތަކެއް ނައްތާލި ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ. މިކަމުގެ ޖިނާއީ ތަހުގީގުގެ ތެރެއިން ފަޒުލް ދިރިއުޅުއްވާ ގެ ބަލާފާސްކުރި އިރު 1 މިލިއަނަށްވުރެ ގިނަ ނަގުދު ފައިސާ ފެނިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.