ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ލައިވްކުރި ޖަލްސާއެއްގައި ގުރުއާނުގެ ބައެއް އުނިކޮށް ދެއްކިކަމަށް ބުނާ މައްސަލައާ ގުޅިގެން މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފި އެވެ.

ޕީއެސްއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގުރުއާނުގެ ބައެއް އުނިކުރި މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި އެ ކުންފުނީގެ އިސް މުވައްޒަފުން ހިމެނޭ ކޮމިޓީއަކުން ބަލާފައިވާ ކަމަށެވެ. އެއަށް ފަހު ފާހަގަކުރެވުނު ބައެއް ކަންކަން ނޫސް ބަޔާނުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން އެ ލައިވް ގެނެސްދިން ވަގުތު ކޮންޓްރޯލް ރޫމުގައި މަސައްކަތް ކުރި ހުރިހާ މުވައްޒަފުން މިހާރު ވަނީ މަސައްކަތުން އެކަހެރިކުރެވިފައި ކަމަށް ޕީއެސްއެމުން ބުނެ އެވެ.

ކީރިތި ގުރުއާނުގެ ބައެއް އުނިވެފައިވަނީ، އެޑިޓް ކުރުމުގެ ސަބަބުން ނޫންކަމަށް ޕީއެސްއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެކަން ހިނގާފައި ވަނީ އެއްކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ބަދަލުކުރަން އުޅުމުގެ ތެރޭގައި ކަމަށް ވެސް ޕީއެސްއެމްގެ ބަޔާނުގައިވެ އެވެ.

"އެ ކޮންޓެންޓް ލައިވްކުރަން ފަށާފައިވަނީ ޕީއެސްއެމްގެ ނިއުސް ކޮންޓްރޯލް ރޫމުން ނޫން. ކުންފުނީގެ މައި ސިގްނަލް ރޫމަށް ބަދަލުކުރީ. އެއާ ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ބަދަލުކުރުމަކީ އާއްމު ގޮތެއްގައި ކުރާ ކަމެއް ނޫން. އެހެން ނަމަވެސް ހަވާލާދެވުނު ކޮންޓެންޓް ލައިވްކޮށް ގެނެސްދިން އިރު އެއާ ކޮންޓްރޯލް ރޫމުން އަނެއް ކޮންޓްރޯލް ރޫމަށް ސިގްނަލް ބަދަލުކުރީ ގުރުއާން ކިޔަވަމުން ދަނިކޮށް. މިއީ އާއްމު ގޮތެއްގައި ކުރާ ކަމެއް ނޫން،" ޕީއެސްއެމްގެ ބަޔާނުގައިވެ އެވެ.

އެކަން ހިނގާފައިވަނީ ކޮންޓްރޯލް ރޫމްގައި އެވަގުތު ތިބި މުވައްޒަފުންގެ އިހުމާލުން ކަމަށާއި އެހެންކަމުން އެކަން ހިނގާފައިިވާތީ އެ ވަގުތު ޑިއުޓީގައި ތިބި މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައިވާ ކަމަށް ޕީއެސްއެމުން ބުނެ އެވެ.