ދަ ހޯކްސްގެ ތެޔޮ ބޯޓެއްގައި ހުއްދަ ނެތި ރާއްޖެއަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގައި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުން މިއަދު ސިއްރުކޮށްފިއެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ހުށަހެޅީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު އެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ކޮމިޓީގެ އިއްތިފާގުން އެ ބައްދަލުވުން ސިއްރުކުރަން ވަނީ ނިންމާފަ އެވެ.
ދަ ހޯކްސްގެ އުޅަނދެއް މެދުވެރިކޮށް ހުއްދަނެތި ރާއްޖެއަށް ސިނގިރޭޓް އެތެރެކުރާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުމާ ގުޅިގެން، އޮކްޓޯބަރު 25 ވަނަ ދުވަހުގެ ރޭގަނޑު ގާތްގަނޑަކަށް 11:00 ހާއިރު، ތިލަފުށީގައި ގާއިމުކުރެވިފައިވާ ދަ ހޯކްސްގެ ބޯޓު ޔާޑަށް ފުލުހުން ގޮސް ތަން ބަލައި ފާސްކުރުމުގެ ތެރޭގައި 1.695 މިލިއަން ސިނގިރޭޓް ސްޓިކްސް ވަނީ ފެނިފަ އެވެ.
އެ ހާދިސާއާ ގުޅިގެން ހޯކްސް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިނގިރޭޓް އެތެރެކުރި ހާދިސާގައި ކުންފުނީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި އެ މައްސަލައިގައި އަމިއްލަ މަންފާއަށް އަމަލުކުރި އެ ކުންފުނީގެ 14 މުވައްޒަފުން ސަސްޕެންޑުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މި މައްސަލައިގައި ތަހުގިގީ އިދާރާތަކަށް އެއްބާރުލުން ދޭނެ ކަމަށްވެސް އެ ކުންފުނިންވަނީ ބުނެފަ އެވެ.
ދަ ހޯކްސްއަކީ ތެޔޮ އެތެރެކޮށް ވިޔަފާރިކުރުމަށް މަޝްހޫރު ކުންފުންޏެކެވެ. މި ކުންފުންޏަކީ އެއްވެސް އިރެއްވާ ސިނގިރޭޓުގެ ވިޔަފާރި ކުރި ކުންފުންޏެއް ނޫނެވެ.
މި މައްސަލައާ ގުޅިގެން އޮކްޓޯބަރު 30ގައި ހޯމް މިނިސްޓަރު އަލީ އިހުސާން ހާޒިރުކުރި 241 ކޮމިޓީގެ ބައްދަލުވުން ވެސް ވަނީ ސިއްރުކޮށްފަ އެވެ. މިއީ މިފަދަ މައްސަލައެއް މަޖިލީހުން ބަލާ ފުރަތަމަ ފަހަރެވެ.