ބޮޑެތި ތުހުމަތު ތަކާއެކު އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަލީ ނަޝާތުއާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އެ ދެ މެންބަރުންގެ އިތުރުން އީސީގެ މެންބަރު މުހައްމަދު ޒާހިރު ވަކި ކުރުމަށްވެސް މަޖިލީހަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް އޭނާ ވަކިކުރަން ފާހެއް ނުވި އެވެ.
ރިޔާސީ އިންތިހާބުގެ ރީރެޖިސްޓްރޭޝަން އޮޅުވާލުމާއި އިންތިހާބުގެ ޑޭޓާބޭސް އިން އެޕްލިކޭޝަން ހަދައިގެން އެ ވިއްކުން އަދި ސިޔާސީ ޕާޓީއެއް އުވާލަން މަސައްކަތްކުރުމުގެ ބޮޑެތި ތުހުމަތުތަކެއްކޮށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ހުށަހެޅި ރިޕޯޓުގައި މި ތިން މެންބަރުންނަށް ވަނީ ކޮށްފަ އެވެ.
މަޖިލީހުގައި ނެގި ވޯޓުގައި ނަޝާތު ވަކިކުރަން ފެންނަ ކަމަށް 69 މެންބަރުން ވޯޓު ދެއްވިއިރު، އާސިފް ވަކިކުރަން 68 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ. ދެ ބޭފުޅުން ވެސް ވަކިކުރަން ނުފެންނަ ކަމަށް 10 މެންބަރަކު ވޯޓު ދެއްވާފައިވެ އެވެ.
ޒާހިރު މަގާމުގައި ބަހައްޓަން ފެންނަކަމަށް 70 މެންބަރަކު ވޯޓު ދެއްވާފައިވެ އެވެ.
އެއް ތުހުމަތުތަކެއް ކުރި ތިން މެންބަރުންގެ ތެރެއިން 1 މެންބަރަކު ވަކި ނުކުރަން ޕީއެންސީ މެޖޯރިޓީ އޮންނަ ޕީއެންސީން ނިންމި ސަބަބުވަނީ ސާފުވާގޮތް ނުވެފަ އެވެ.
މިއަދު މަޖިލީހުން އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް އާއި ތޯހާ ވަކިކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެ ދެ ބޭފުޅުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތްކުރުމަށް އައްޔަން ކޮށްފައިތިބި އެ މެންބަރުންނަށްވެސް މަޖިލީހުގެ ކޮމިޓީންވަނީ ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފަ އެވެ.