އެކި ކުންފުނިތަކުގެ ނަމުގައި އެސްޓިމޭޓްތަކެއް ހުށަހަޅައިގެން ސަރުކާރުގެ ޕްރޮޖެކްޓެއް ކާމިޔާބު ކުރި މައްސަލައެއްގައި ނާޒިމްގެ މައްޗަށް ކުށް ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވާފައިވޭ. އަދި އެއާއެކު މަޖިލީހުގެ ގޮނޑި ގެއްލި ނާޒިމް ޖަލުގައި ދުވަސްތަކެއް ހޭދަކުރި. އަދި އެ ހުކުމަށް ފިލައިގެން ގޮސް 2018 ވަނަ އަހަރު ވެރިކަން ބަދަލުވަންދެން އޭނާ ދިރިއުޅުނީ އިނގިރޭސިވިލާތުގައި. އަދި އެ ހުކުމް ބާތިލުކުރީ އޭގެ ފަހުން ނާޒިމް ރާއްޖެ އައުމުން.

އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާއި ނައިބް ރައީސް އަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަގާމަކަށް ހެދުމަކީ ބަޔަކު ފާޑުކިޔަންޖެހޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

އެކި ކުންފުނިތަކުގެ ނަމުގައި އެސްޓިމޭޓްތަކެއް ހުށަހަޅައިގެން ސަރުކާރުގެ ޕްރޮޖެކްޓެއް ކާމިޔާބު ކުރި މައްސަލައެއްގައި ނާޒިމްގެ މައްޗަށް ކުށް ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވާފައިވެ އެވެ. ނާޒިމްގެ ގޮނޑި ގެއްލި ޖަލަށް ހުކުމް ކުރުމުން ބޭސްފަރުވާއަކަށް ސިންގަޕޫރަށް ދިއުމަށްފަހު ފިލައިގެން އިނގިރޭސިވިލާތަށް ގޮސް ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އަދި 2018ގެ ވެރިކަން ބަދަލުވުމުން ނާޒިމް ރާއްޖެ އައުމާއެކު އޭނާގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށް ނާޒިމް މިނިވަންކުރި އެވެ.

އޭނާ 25 އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމް ކުރީ ކުރީގެ އެޓޮލްސް މިނިސްޓްރީ އަށް ދިދަތަކެއް ގަތުމަށް ކުރި އިއުލާނަކާ ގުޅިގެން މަކަރާއި ހީލަތުން އެ ޕްރޮޖެކްޓް ކާމިޔާބު ކުރި ކަމަށް ދައުލަތުން ދައުވާ ކުރުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވަނީ އީސީ އާއި އޭސީސީގެ ރައީސް އާއި ނައިބް ރައީސް އަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަގާމަށް ހެދުމަށް އެ ދެ އިދާރާގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާމެދު ބަހުސްކޮށްފަ އެވެ. މި ގާނޫނުތަކަށް އިސްލާހު ގެންނަން ހުށަހެޅީ ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އެވެ.

އެ ބަހުސްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އޭސީސީ ފަދަ މިނިވަން މުއައްސަސާތަކުގެ ރައީސުން މީގެ ކުރިން ވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ސީއެސްސީގެ ރައީސް އަކީ މިއަދު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅެއް ކަމަށާއި ސީއެސްސީގެ ރައީސް އަކީ މިނިވަން މުއައްސަސާއެއް ކަމަށްވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައިވެސް އިންނަވާ މެންބަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭސީސީގެ ރައީސް މިގޮތަށް ހޮވާ އިޖުރާއަތު ބަދަލުކުރަން ގާނޫނަށް އިސްލާހު ހުށަހަޅާފައި އޮތް ގޮތަކީ އަލަށް ގެންނަ ބަދަލެއް ނޫން،" ނާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭސީސީ އިން އެ ކޮމިޝަނާ ހަވާލުކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އެކަށީގެންވާ ވަރާ ގާތަށް ވެސް މަސައްކަތް ކުރާ ކަމަށް ރައްޔިތުން ގަބޫލުނުކުރާ ކަމަށެވެ. އަދި އޭސީސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ގޮތް ހެދުމަށް މަޖިލީހުން މިއަދު މަސައްކަތް ކުރާއިރު އެމްޑީޕީގެ ފާޑުކިޔުން އަމާޒުވާތީ ނާޒިމު ވަނީ އެކަމަށް ރައްދުވެސް ދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އޭސީސީގެ ހުރިހާ މެންބަރުން ބަދަލުކޮށްފައިވާ ކަމަށެވެ.

އޭސީސީ އަށް ވެސް ނާޒިމު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ އޭސީސީގެ މެންބަރުން ހިހޫތަނުން ކާލައިގެން ތިބެން ދޫކޮށްލައިގެން ނުތިބެވޭނެ ކަމަށެވެ. އޭސީސީގެ މެންބަރުން ޒިންމާ އަދާ ނުކުރައްވާތީ ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތަކާއި ނާޖައިޒު މުއްސަނދިކަން ހޯދުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެ ކޮމިޝަނަށް ކޮރަޕްޝަން ހުއްޓުވޭ ތަނެއް ނުފެނޭ. މައްސަލަތައް މަދުވާ ތަނެއްވެސް ނުފެނޭ،" ނާޒިމު ވިދާޅުވި އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން އޭސީސީއާއި އީސީގެ ރައީސަކު ނުވަތަ ނައިބު ރައީސަކު އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ މީހަކު، ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް ނުވަތަ ނައިބު ރައީސްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަންވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.