އިލެކްޝަންސް ކޮމިޝަނާ (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ގެނެސް، ރާއްޖެ ބަލައިގަނެފައިވާ ފުރިހަމަ ޑިމޮކްރަޓިކް ނިޒާމް ގަޑުބަޑުކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައިފި އެވެ.

ޝާހިދު މިހެން ވިދާޅުވީ އީސީ އާއި އޭސީސީގެ ރައީސް އާއި ނައިބު ރައީސުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވުމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މި އިސްލާހުތަކަކީ 2008 ގައި އަމަލުކުރަން ފެށި ގާނޫނު އަސާސީން ލިބިދިފައި އޮތް މިނިވަން ޑިމޮކްރަޓިކް ނިޒާމް ފުނޑު ފުނޑުކޮށްލާ، ބާރުތައް ވެރި މިހާގެ މުށުތެރެއަށް ޖަމާކޮށް، ހުދްމުހްތާރު ވެރިކަމެއް މި ރާއްޖޭގައި ގާއިމުކުރުމަށް ކުރުމަށް ގެންގުޅޭ ސިއްރު އެޖެންޑާއެއް ޖަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. އަދި މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ފަހުގެ ތާރީހެއްގައި ކުރިމަތިވަމުންދާ އެންމެ ބޮޑު ނުރަައްކާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އީސީ އާއި އޭސީސީގެ ރައީސް އާއި ނައިބުރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ގާނޫނުތަކަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގަ އެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައީސް އައްޔަނުކުރަނީ އެ ކޮމިޝަނެއްގެ މެންބަރުންނެވެ.