ރައީސް މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުގެ ދެކަނބަލުންނަށް މިއަދު އެގައުމުން ރަސްމީކޮށް މަރުހަބާކިޔައިފި އެވެ.
ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ދްރޫޕާދީ މުރްމުރް އެވެ.
މި ރަސްމިއްޔާތު ބޭއްވީ ވެރިރަށް ނިއުދިއްލީގައި ހުންނަ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ ރާޝްތުރަޕަތީ ބަވަންގަ އެވެ. ރައީސް އަރިހުގައި އިންޑިއާއަށް ވަޑައިގެންނެވި 50 ބޭފުޅުންގެ ބޮޑު ވަފުދުވެސް އެ ރަސްމިއްޔާތުގައި ބައިވެރިވި އެވެ.
އިންޑިއާ ސަރުކާރުން ހަމަޖެއްސި ޚާއްސަ މަތިންދާބޯޓެއްގައި ރައީސް ފުރަތަމަ ވަޑައިގެންނެވީ ވެރިރަށް ދިއްލީ އަށެވެ. ދިއްލީގެ އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެ ގައުމުގެ އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ ކިރްތީ ވަރުދަން ސިންހު އެވެ.
އިއްޔެގެ ވަގުތެއްގައި ރައީސް ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރާ ބައްދަލު ކުރައްވާފަ އެވެ. މީގެ އިތުރުން ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ ރައީސް ވަނީ ރޭ ބައްދަލު ކުރައްވާފަ އެވެ.
ރައީސްގެ ދަތުރުގެ ތެރެއިން ދިވެހި ސަރުކާރުން އިންޑިއާއާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރަން ވަނީ ހަމަޖެހިފަ އެވެ.
ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރިން ބީބީސީއަށް އީމެއިލް މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭ ވަނީ އިގްތިސާދީ ކާރިސާއަކާ ކުރިމަތިލާން ޖެހިފައި ކަމަށާއި އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.