ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ވަކި އަދަދަކަށް މަޖިލީހުގެ ޖަލްސާ އާއި ކޮމިޓީތަކުގެ ބައްދަލުވުންތަކުގައި ބައިވެރިނުވެވޭ ގޮތަށް މެންބަރުން ސަސްޕެންޑް ކުރެވޭގޮތަށް އުސޫލުގައި ހިމަނައިގެން މަޖިލީހުގެ ގަވާއިދު އިއްޔެ ފާސްކޮށްފި އެވެ.
މަޖިލީހުން އަލަށް އަމަލުކުރަން ފެށި ގަވާއިދިގައި ވަނީ މެންބަރުންގެ ސުލޫކީ މިންގަނޑަކީ ކޮބައިކަން ތަފްސީލްކޮށް ދީފަ އެވެ. އޭގެތެރޭގައި ގާނޫނާއި ގަވައިދާއި ހިލާފު ކަމެއް ނުކުރުމާއި މަޖިލީހުގެ ގަދަރު ދެމެހެއްޓުމާއި ނާޖާއިޒް މަންފާއެއް ނުވަތަ ފައިދާއެއް ނުހޯދުމާއި މަޖިލީހުގެ ސިއްރުތައް ހިފެހެއްޓުން ހިމެނެ އެވެ. ހަދިޔާ ގަބޫލު ނުކުރުމާއި، މަޖިލީހުން ކުރާ ކަމަކަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރުމަށް ވެސް ހިމަނާފައިވެ އެވެ.
ގަވައިދުގައި ބުނެފައި ވަނީ މެންބަރަކު ސުލޫކީ މިންގަނޑާއި ހިލާފުވެގެން ފިޔަވަޅެއް އެޅިނަމަވެސް އެއީ އަދަބެއް ދިނުމުގެ ބަދަލުގައި މަޖިލީހުގެ ގަދަރު ހިފެހެއްޓުމަށާއި މަޖިލީހުގެ ޖަލްސާތަކުގެ ހުރުމަތް ހިފެހެއްޓުމަށާއި މަޖިލީހާއި މެދު ރައްޔިތުންގެ އިތުބާރު ހިފެހެއްޓުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.
މި އާ އިސްލާހާއެކު މަޖިލިސް މެންބަރުން ކުރުން މަނާ ކަންތައްތަކެއްވެސް ވަނީ ހިމަނާފަ އެވެ. އެގޮތުން މަޖިލިސް ރައީސް އާއި މެންބަރުންނާއި މުހާތަބުކޮށް ހުތުރު ބަހުން ވާހަކަދެއްކުމާއި މެންބަރެއްގެ ގާތަށް ނުވަތަ މަޖިލީހުގެ މުވައްޒަފެއްގެ ގާތަށް ރުޅިވެރިކަމާ އެކު ދިއުން ނުވަތަ މެންބަރެއްގެ ގައިގައި ނުވަތަ މަޖިލީހުގެ މުވައްޒަފެއްގެ ގައިގައި ރުޅިވެރިކަމާ އެކު އަތްލުމާއި ރިޔާސަތާ ދިމާލަށް ނުވަޔަ ވަކި މެންބަރަކާ ދިމާއަށް ނުވަތަ އިދާރީ މޭޒާ ދިމާލަށް ރުޅިވެރިކަމާ އެކު އެއްޗެއް އެއްލުން އެއީ މެންބަރުން ކުރުން މަނާ ކަންކަމެވެ.
ސުލޫކީ މިންގަނޑާއި ހިލާފުވާފަދަ އަމަލެއް މެންބަރަކު ކޮށްފިނަމަ އެކަމާއި ގުޅޭ ގޮތުން ރަސްމީ ލިޔުމެއް އެ މެންބަރަށް ފޮނުވައި އެ ލިޔުމުގެ ކޮޕީއެއް މަޖިލީހުގެ އެހެން މެންބަރުންނަށް ފޮނުވުމަށާއި އެ މެންބަރަކުގެ އެ އަމަލަކީ މަޖިލީހުގެ ގަދަރަށް އުނިކަން ލިބޭ ކަމެއްކަން ބަޔާންކޮށް އެކަން ކުށްވެރިކޮށް މަޖިލީހުގެ ތަޅުމުގައި އެކަން އިއުލާނުކޮށް އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވުން ވެސް ފިޔަވަޅެއްގެ ގޮތުގައި ހިމަނާފައިވެ އެވެ.
ފިޔަވަޅުތަކުގެ ތެރޭގައި ވަކި އަދަދަކަށް މަޖިލީހުގެ ޖަލްސާ އާއި ކޮމެޓީތަކުގެ ބައްދަލުވުމުގައި ބައިވެރިވުން މަހުރޫމް ކުރުމާއި މަޖިލީހުގެ ރަސްމީ ދަތުރުތަކާއި އެކި ކަންކަމުގައި މަޖިލީހުން ފޮނުވާ ވަފުދުތަކުގައި ބައިވެރިވުން ވަކި މުއްދަތަކަށް މަހްރޫމްކުރުމާއި މެންބަރަކު މަޖިލީހުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދީފި ނަމަ، އެ ދިން ގެއްލުމުގެ ބަދަލު އެ މެންބަރުންގެ މުސާރައިން އުނިކުރުން ވެސް ވަނީ ހިމަނާފަ އެވެ.
އިއްޔެގެ މަޖިލިސް ޖަލްސާގައި ގަވައިދު ފާސްކުރަން ފެންނަކަމަށް 64 މެންބަރުން ވޯޓު ދެއްވި އެވެ. 9 މެންބަރުން ގަވައިދު ފާސްކުރަން ވޯޓެއް ނުދެއްވަ އެވެ.