ރައީސް އާއި ނައިބު ރައީސް މަގާމުން ވަކި ކުރުމަށް އިތުބާރު ނެތް މައްސަލަ އަވަސް އަރުވާލައިގެން، މަރުހަލާތައް ކުރިއަށް ގެންގޮސް ނިންމޭ ގޮތަށް 19 ވަނަ މަޖިލީހުން ގަވައިދަށް ގެނައި އިސްލާހު ބަދަލުކޮށްފި އެވެ.
މިދިޔަ 19 ވަނަ މަޖިލީހުން އިސްލާހުކޮށް، މަޖިލީހުގައި އަމަލުކުރަމުން އަންނަ ގަވައިދަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރުމަށް ފަހު އާންމު ކޮމިޓީން ތައްޔާރު ކުރި ރިޕޯޓުގައި ވަނީ ރައީސް އާއި ނައިބު ރައީސް ވަކި ކުރުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް ކަނޑައަޅާފައިވާ ވަގުތުތަކާއި މުއްދަތުތަކަކީ އެކަށީގެންވާ ވަގުތުތަކެއް ނޫން ކަން މެންބަރުންނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ނަވާރ6 ވަނަ މަޖިލިސްގެ ދައުރު ނިމެން ކައިރިވެފައި ވަނިކޮށް ގެނައި އިސްލާހުގައި ވަނީ ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރަން ހުށަހަޅާ ގަރާރެއް ތަހުގީގު ކުރާ ހަތް މެންބަރުންގެ ކޮމިޓީން ގިނަ ވެގެން ފަސް ދުވަސް ތެރޭގައި އެ މައްސަލަ ބަލައި ނިންމަން ޖެހޭ ކަމަށެވެ. އާންމު ކޮމިޓީން މިހާރު ވަނީ އެ މުއްދަތު 10 ދުވަހަށް ބަދަލު ކޮށްފަ އެވެ.
އެ މައްސަލާގައި ކޮމިޓީއަށް މީހަކު ހާޒިރު ކުރާނަމަ ދެ ގަޑިއިރުގެ ނޯޓިސް ދޭން އޮތް އޮތުންވެސް ވަނީ ފަސް ދުވަހުގެ ނޯޓިސްއެއް ދޭން ޖެހޭ ގޮތަށް ބަދަލު ކޮށްފަ އެވެ. މީގެ އިތުރުން ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން މެންބަރުންނަށް ހަ ގަޑިއިރުގެ ނޯޓިސް ދިނުމުގެ ބަދަލުގައި 24 ގަޑިއަރަށް ވަނީ ބަދަލުކޮށްފަ އެވެ.
ތަހުގީގު ކޮމިޓީގެ ރިޕޯޓަށް ޖަވާބުދާރީވާން ރައީސަށް ދެ ދުވަހުގެ މުއްދަތެއް ލިބިވަޑައިގަންނަވާނެ ކަމަށް މީގެ ކުރިން ގަވައިދުގައި ބުނެފައިވާ އިރު އެ މުއްދަތު ވެސް ވަނީ ހަތް ދުވަހަށް އިތުރު ކުރަން ފާސްކޮށްފަ އެވެ.
މި އިސްލާހުތަށް ފާސްކުރީ މަޖިލީހަށް ހާޒިރުވެ ތިއްބެވި 65 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ތާއީދާ އެކުގަ އެވެ.