ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު މޫސާ ޖަމީލް 88އ، އަވަހާރަވެއްޖެ އެވެ.
ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ބައްޕާފުޅު އަވަހާރަވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ޝާހިދު ވިދާޅުވީ އޭނާގެ މުޅި ހަޔާތުގެ އެންމެ ބޮޑު ބާރަކީ އަދި އެންމެ އިހްލާސްތެރި ލަފާފުޅުތަކާއި ފާޑު ކިއުންތެރިއަކީ ވެސް ބައްޕާފުޅު ކަމަށެވެ.
ކީރިތި ގުރުއާން ވެސް ހިތުދަސް ކުރައްވާފައިވާ މޫސާ ޖަލީލަކީ ހާފިޒުން އިމްތިހާން ކުރާ ކޮމިޓީގެ ޗެއާކަން ވަރަށް ގިނަ ދުވަހު ކުރެއްވި ބޭފުޅެކެވެ. އޭނާގެ ހަޔާތުގެ ބޮޑު ބައި ހޭދަ ކުރައްވާފައި ވަނީ މީހުންނަށް އުނގަންނައި ދެއްވުމުގަ އެވެ. އެގޮތުން މޫސާ ޖަލީލް ވަނީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.
މޫސާ ޖަމީލްއަކީ ޝައިހް މުހައްމަދު ޖަމީލު ދީދީގެ އެއްބަފާކޮއްކޯފުޅު، އަދި ބޮޑުބޭބޭފުޅަކީ ހުސައިން ސަލާހުއްދީން އެވެ.
ޝާހިދު ވިދާޅުވީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު މަދަދުގާރަކީ އެއީ ކަމަށެވެ.
"އެއީ އަބަދުވެސް އެންމެ ބޮޑު ހިތްވަރު. އެންމެ އިހްލާސްތެރި ނަސޭހަތްދެއްވާ އަދި ތެދުވެރިކަމާއެކު ފާޑުކިޔުއްވި،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދައުލަތުގެ ބައެއް ވަޒީރުން ގެންދަވަނީ ތައުޒިޔާ ވިދާޅުވަމުންނެވެ.
ޝާހިދުގެ ބައްޕާފުޅުގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދު އިސްލާމީ މަރުކަޒުގަ އެވެ. ބެލެވޭ ގޮތުގައި ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހުގަ އެވެ.