އަންނަ މަހު ހުވާކުރާ 20 ވަނަ ރައްޔިތުންގެ މަޖިލިހަށް 93 މެމްބަރުން އިންތިހާބު ކުރުމުގެ ވޯޓުލުން ފަށައިފި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލާން ފަށާފައި ވަނީ 8:00 ގަ އެވެ. އަދި ވޯޓުލުން ކުރިޔަށް ގެންދާނީ ހަވީރު 5:30 އާ ހަމަޔަށެވެ.
އަންނަ މަހު ހުވާކުރާ 20 ވަނަ ރައްޔިތުންގެ މަޖިލިހަށް 93 މެމްބަރުން އިންތިހާބު ކުރުމުގެ ވޯޓުލުން ފަށައިފި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލާން ފަށާފައި ވަނީ 8:00 ގަ އެވެ. އަދި ވޯޓުލުން ކުރިޔަށް ގެންދާނީ ހަވީރު 5:30 އާ ހަމަޔަށެވެ.
ފެށުނީއްސުރެ ގަލޮޅު އުތުރުގެ ގޮނޑި ކޮންޓްރޯލް ކުރަމުން ގެންދިޔަ އީވާ އަބްދުﷲ އަށް ގޮނޑި ގެއްލިއްޖެ. އީވާ މިހާތަނަށް އެ ގޮނޑި ކާމިޔާބު ކުރައްވަމުން ގެންދެވީ އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި. އީވާ މިފަހަރު ވާދަކުރެއްވީ ޑިމޮކްރެޓިކްސް ޓިކެޓުގައި. އެ ގޮނޑި މި ފަހަރު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އިބްރާހިމް (ކުޑޫ)
މިއަދު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީން މެޖޯރިޓީ ހޯދައިފި އެވެ. މަޖިލީހުގެ މެޖޯރިޓީ އަކީ 47 ކަމަށްވާ އިރު ޕީއެންސީން ވަނީ 60 އާ ގާތްކުރާ އަދަދަކަށް ގޮނޑި ކާމިޔާބުކޮށްފައިވާ ކަމަށް ވަގުތީ ނަތީޖާ އިން ދައްކާ. އިދިކޮޅު އެމްޑީޕީ އަށް މިހާތަނަށް ލިބިފައި ވަނީ 11 ގޮނޑި
ފެށުނީއްސުރެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކޮންޓްރޯލް ކުރައްވަމުން ގެންދެވި މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމަށް ގޮނޑި ގެއްލިއްޖެކަން ކަށަވަރުވެއްޖެ. އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ސިނާން.
ވޯޓުލާން ކަނޑައެޅި ވަގުތު ހަމަވުމަށް ފަހު 30 މިނިޓް ދިނުމަށް ފަހު މިހާރު ވަނީ ވޯޓު ގުނުމުގެ މަސައްކަތް ފަށާފައި.
5 ޖެހުމާ ހަމައަށް ވޯޓުލާފައި ވަނީ 72.96 ޕަސެންޓް މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި ވަނީ 76 ޕަސެންޓް މީހުން ވޯޓުލާފައި. ވޯޓު ފޮށިތައް ބަންދުކުރަން ފަށާފައި ވަނީ 5.30 އިން ފެށިގެން.
ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖެއްސި ވަގުތު މިހާރު ވަނީ ހަމަވެފައި. އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ 5.30 ވުމަށް ފަހު ކިޔޫ އަށް އެރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް. ވޯޓު ގުނަން ފަށާނީ ވޯޓު ފޮށި ބަންދުކުރާތާ 30 މިނިޓް ފަހުން
ވޯޓުލުން ބަންދުވާން މިހާރު 15 މިނިޓަށް ވެެއްޖެ. އިލެކްޝަން ކޮމިޝަނުން ބުނެފައި ވަނީ ވޯޓުލުން ހަމަޖެހިފައިވާ ގަޑި ހަމަވުމަށް ފަހު އިތުރަށް އެންމެ މިނިޓެއް ވެސް ނުދެވޭނެ ކަމަށް. މިއަދު 4 ޖެހުމާ ހަމައަށް ވަނީ 63 ޕަސެންޓް މީހުން ވޯޓުލާފައި. އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ވޯޓާ ޓާން އައުޓް ރަނގަޅު ކަމަށް.
މިއަދު 4 ޖެހުމާ ހަމައަށް 63.73 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތު ދޭ.
އިންތިހާބާ ދިމާކޮށް ސަރުކާރުން ވޯޓަށް ނުފޫޒުފޯރުވަން ގިނަ ކަންތައްތަކެއް ކުރާ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެ. އެމަނިކުފާން ވަނީ ވޯޓު ލެއްވުމަށް ފަހު މީޑިއާއާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވާފައި.
ވޯޓުލުން ބަންދުވާން މިހާރު 45 މިނިޓަށް ވެއްޖެ. އިލެކްޝަން ކޮމިޝަނުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މިހާތަނަށް ވަނީ 56 ޕަސެންޓް މީހުން ވޯޓުލާފައި.
ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ސެކިއުރިޓީ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ
މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ކަނޑައެޅީފައިވާ ވޯޓު ފޮށިތަކުގެ ތެރެއިން 96 ޕަސެންޓް ފޮށީގެ ވޯޓުލުން މިހާރު ފެށިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި.
އެ ކޮމިޝަނުން ބުނީ ވޯޓުލާން ހަމަޖެހިފައިވާ 602 ފޮށީގެ ތެރެއިން 578 ފޮށީގެ ވޯޓުލުން މިހާތަނަށް ފެށިފައިވާ ކަމަށް. މި އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށާކާއި، 34 ރިސޯޓް، ޖަލުތަކާއި ސިނާއީ ރަށްތައް އަދި ރާއްޖެއިން ބޭރުގައި 3 ގައުމެއްގައި ވޮޓު ފޮށި ބަހައްޓާފައިވޭ.
ބައެއް މަރުކަޒުތަކުގައި އެކި ސަބަބުތަކާ ހެދި ވޯޓުލުން ލަސްވި ނަމަވެސް، މިއަދު ހެނދުނު 8:00 ގައި ވޯޓުލާން ފެށުނު ފަހުން މިހާތަނަށް ވޯޓުލުމުގެ ހުރިހާ ކަމެއް ވެސް ވަރަށް އަމާންކަމާއެކު ކުރިއަށްދާ ކަމަށް އީސީ އިން ބުނޭ.
މިފަހަރުގެ މަޖިލިސް އިންތިހާބުގައި ޕީއެންސީން ކިތައް ގޮނޑި ނަގާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބެއް ދޭން ރައީސް ދެކޮޅު ހައްދަވައިފި. ވިދާޅުވީ މިއީ އެ މައުޟޫއުގައި ވާހަކަ ދައްކަންވީ ވަގުތެއް ނޫން ކަމަށް.
"އަޅުގަނޑު ހުރިހާ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ ވޯޓު ލުމަކީ ކޮންމެ ރައްޔިތަކަށް ވެސް ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެކޭ އަދި ޒިންމާއެކޭ. އެހެންވެ ހުރިހާ ރައްޔިތުން ވެސް ނުކުމެވަޑައިގެން ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްގު އަދާކުރައްވާށޭ. ހަވީރުވަންދެން މަޑުނުކުރައްވައި ވޯޓު ލައްވަންޖެހޭ މަރުކަޒަކަށް ވަޑައިގެން ވޯޓު ދެއްވުމަކީ ތިޔަބޭފުޅުންނަށް އޮތް ހައްގެއް އަދި ޒިންމާއެއް،"
ރައީސް ޑރ. މުއިއްޒު ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓުލައްވައިފި. ވޯޓު ދެއްވުމަށްފަހު ރައީސް ވަނީ ހުރިހާ ރައްޔިތުން ވެސް ނުކުމެ ވޯޓުލުމަށް އެދިވަޑައިގެންފައި.
ވޯޓުލުމަށް ބޭނުން ކުރެވޭނެ ރަސްމީ ލިޔުންތަކަކީ
ހުށަހަޅާ ކޮންމެ ލިޔުމަކީ މުއްދަތު ހަމަނުވާ ފޮޓޯ ޖެހި، އައިޑީ ކާޑު ނަންބަރާއި ނަން އަދި މައުލޫމާތު ސާފުކޮށް ރަނގަޅަށް ކިޔަން އެނގޭ ގޮތަށް އޮތް ލިޔުމަކަށް ވާން ޖެހޭ.
ވޯޓުލުމަށް ބޭނުން ނުކުރެވޭނެ ލިޔުންތައް: އެއްވެސް ލިޔުމެއްގެ ޑިޖިޓަލް ފޮޓޯ ނުވަތަ ޕްރިންޓެއް ވޯޓުލުމަށް ބޭނުމެއް ނުކުރެވޭނެ. އުޅަނދުފަހަރު ދުއްވުމަށް ބޭނުން ކުރާ ލައިސަންސް ފޮތް ވެސް ވޯޓުލުމަށް ބޭނުމެއް ނުކުރެވޭނެ.
ވޯޓުލާން ދިއުމުގެ ކުރިން ތަން ޗެކް ކުރުމަށް އެސްއެމްއެސް ފޮނުވާ.
އެސްއެމްއެސް ފޮނުވަނީ VR (Space) Id Card Number ޖެހުމަށްފަހު 1414 އަށް.