ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނެ މީހުން ވަޒީފާއިން ވަކިކޮށް، ސަރުކާރު މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުން އަންނަ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީން ދަނީ ވަރަށް ފާޅުކަން ބޮޑުކޮށް ފުޅާދާއިރާއެއްގައި ސަރުކާރު މުވައްޒަފުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނަމަ އެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކާ އަދި ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކަށް މުވައްޒަފުން ނެގުންވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޫކޮށްލުމަށް ގޮވާލަމުން ކަމަށެވެ. އަދި އެކަން އެ ޕާޓީން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓްގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދެއްކި މީހަކު ވަނީ ފެލިވަރުގައި މަސައްކަތް ކުރާ މުވައްޒަފުން ކޮންޓްރޯލް ކުރެވޭނެ ގޮތް ޕީއެންސީ ކެންޑިޑޭޓަށް ފަހިކޮށްދޭންޖެހޭ ކަމަށެވެ. އަދި ފެލިވަރަށް އަލަށް މުވައްޒަފުން ނެގުމުގައި ވެސް ޕީއެންސީ ކެންޑިޑޭޓަށް ފުރުސަތު އޮންނަންޖެހޭ ކަމަށް އެ މީހާ ބުންޏެވެ.
"މި އިންތިހާބުގެ ކެމްޕެއިންގައި ސަރުކާރުން ދަނީ ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ނުދޭ މީހުން ނުހައްގުން ވަޒީފާތަކުން ވަކިކޮށް ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ދޭނެ މީހުންނަށް ވަޒީފާތަކަށް ނަގަމުންނެވެ. ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ދެއްކި ވާހަކައިން މިކަން ސަރުކާރުން ހިންގާ ގޮތް އެއޮތީ ވަރަށް ސާފުކޮށް ކިޔައިދީފައެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނީ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ވަރަށް ފާޅުގަ ނަހަމަގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށެވެ.
"މިކަމުންވެސް އެނގިގެންދަނީ ސަރުކާރުން ރައްޔިތުންނަށް ހެދި ދޮގާއި އޮޅުވާލުންތައް ފަޅާއަރަމުންދާތީ ރައްޔިތުން އެކަމާ ދެކޮޅަށް މި އިންތިހާބުގައި ވޯޓު ދޭނެތީ ރައްޔިތުންނަށް ބިރު ދެއްކުމަށް ކުރާ ކަމެއް ކަމެވެ،" އެ ބަޔަނުގައިވެ އެވެ.
ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަން ކުރާ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮވާލައިފަ އެވެ.