ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް ބ. ހިތާދޫ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅާއި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިތާދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހިތާދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަމަށް އިސްކަން ދީގެން މަސައްކަތްކޮށް ދެއްވާނެ ކަމަށެވެ. އެއް ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ ހިތާދޫ ބަނދަރުގެ ވާހަކަ އެވެ.
ރައީސް ވިދާޅުވީ ހިތަދޫ ބަނދަރު މަޝްރޫއަށް ގެންނަން ޖެހޭ ބަދަލުތަކެއް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ބޭރު ތޮއްޓަށް ގެންނަން ޖެހޭ ބަދަލުތައް ހިމެނޭ ކަމަށެވެ. އެ ބަދަލުތައް ގެނެސްދީ ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫއު ނިންމައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މި އަހަރަށް ލަފާކޮށް ފާސް ކުރި ބަޖެޓުގައި ވެސް ހިމެނިފައިވެ އެވެ. މި އަހަރުގެ ތެރޭގައި އެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
"މި އަހަރުގެ ތެރޭގައި މަސައްކަތް ފެށި، މާލަސްތަކެއް ނުވެ ބިން އިތުރު ވެގެން ދާނެ ކަމުގެ ޔަގީންކަން ދެން،" ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ހިތަދޫ ފުޓްބޯޅަ ދަނޑު ހަދައި ވޮލީ ކޯޓާއި ހޭންޑް ބޯޅަ ކޯޓެއް އަޅުއްވައި ދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، އިތުރު ޑޮކްޓަރުންނާއި މުވައްޒަފުން ހޯދަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ސްކޫލްގެ ޖާގަ އިތުރު ކުރުމާއި މަލްޓި ޕާޕަސް ހޯލެއް ވެސް އަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.