އަންނަ މަހުގެ 21 ގައި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކަމަށް ފާޑު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭގައި ބޭއްވި ޖަގަހަ ޖަލްސާގައި ސޯލިހް ވިދާޅުވީ މި ސަރުކާރުން ފެށުނީއްސުރެ ގެންދިޔައީ މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވަމުން ކަމަށެވެ. އެ ނުފޫޒުގެ ތެރެއިން ފުރަތަމަ ނިންމީ ރޯދަ މަހު އިންތިހާބު ބާއްވަން ކަމަށް ވިދާޅުވި އެވެ. އެކަމަކީ އެތައް ބައެއްގެ ވޯޓުގެ ހައްގު ނިގުޅައި ގަތުމަށް ފެއްޓެވި ކަމެއްގެ ގޮތުގައި ސޯލިހް ވަނީ ސިފަ ކުރައްވައިފަ އެވެ.
ދެ ވަނަ މައްސަލައެއްގެ ގޮތުގައި ސޯލިހް ފާހަގަ ކުރެއްވީ އޭޕްރީލް 21 ވަނަ ދުވަހަކީ ރަސްމީ ދުވަހަކަށްވުމެވެ. ކަލެންޑަރުގައިވާ ގޮތުން ނަމަ، އެ ދުވަސް ދިމާވަނީ އާދިއްތަ ދުވަހާ އެވެ. ސޯލިހް ތުހުމަތު ކުރެއްވި ގޮތުގައި އެއީ ވެސް އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތް ކުރާ ކަން ދޭހަވާ ކަމެކެވެ.
"ބޮޑެތި އިންތިހާބުތަކުގައި ވޯޓުލަމުން އަންނަނީ ރަސްމީ ބަންދު ދުވަހެއްގައި. އެއީ ވެސް ގިނަ ބަޔަކަށް އޭގައި ބައިވެރިވެ، ރައްޔިތުންނަށް އެ ލިބިފައި އޮތް ހައްގު، އަސާސީ ހައްގުގެ ބޭނުން ކުރުމުގެ ފުރުސަތު ހޯދައި ދިނުމަށްޓަކައި." ސޯލިހް ވިދާޅުވި އެވެ.
އިންތިހާބު ފަސްކުރުމުގެ ބިލް ތަސްދީގު ކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި އޮތީ މި މަހުގެ 17 ވާ އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވާށެވެ. ރާއްޖޭގައި ބާއްވާ ރަސްމީ އިންތިހާބުތައް ސަރުކާރުގެ ރަސްމީ ބަންދު ދުވަސް ކަމަށްވާ ހޮނިހިރު ދުވަހު ބާއްވަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.
ސޯލިހް ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުން "ބާރު ފޯރުވައި" އަދިވެސް ގެންދަނީ ސަރުކާރުގެ ރަސްމީ ދުވަހެއްގައި ވޯޓުލުން ބާއްވަން މަސައްކަތް ކުރަމުންނެވެ.
"އަޅުގަނޑު އިލެކްޝަންސް ކޮމިޝަނަށް ދަންނަވާލަން ބޭނުންވަނީ އެ ބާރުގައި، އެ ނުފޫޒުގައި ޖެހިވަޑައިނުގަންނަވާށޭ. ތިޔަބޭފުޅުންނަކީ މިނިވަން މުއައްސަސާއެކޭ. ރައްޔިތުންނަށް ފަސޭހައިން ވޯޓުލެވޭ ގޮތަށް އެކަން ކޮށްދެއްވާށޭ. ސްކޫލް ވެސް ހުޅުވިފައި، ސްކޫލަށް މީހުން ކުދިން ވެސް ގެންދަންޖެހޭ، ހޯލްތައް ވެސް ބޭނުންކުރަންޖެހޭ. ކިހިނެއްތޯ މިކަން ކުރާނީ،" ސޯލިހް ވިދާޅުވި އެވެ.