ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަށް އަމަލު ކުރަން ފަސްކުރަން މަޖިލީހަށް އަންގާ ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރަށް އަމަލު ނުކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުން މިގޮތަށް ނިންމާފައިވަނީ މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ މެދުގައި ބަހުސް ކުރެއްވުމަށްފަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމާ ގުޅޭގޮތުން މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް އަންގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެގޮތަށް އަމުރު ނެރުއްވީ އެ އިސްލާހުތަކަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހުތަކެއްކަމަށް ވިދާޅުވެ، ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތައް ބާތިލްކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެއްގޮތަށް އެކަން ނުކުރެވޭނެ ކަމަށާއި އެ ނިންމުމާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ ސްޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައި ވަނީ ގާނޫނުއަސާސީއާ ހިލާފުތޯ ނިންމުމެއް ނެތި ކަމަށާއި އެއީ ކަންބޮޑުވާ މައްސަލައެެއް ކަމަށެވެ. އަދި މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ކޯރަމަކީ ކޮބައިކަން އެނގިގެން ކަމަށް ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން ބަހުސް ކުރެއްވުމަށްފަހު ވޯޓަށް ވަނީ އަހާފަ އެވެ. އެ ވޯޓުގައި ފާސްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ އަމުރަށް އަމަލު ނުކުރެއްވުމަށެވެ. އެގޮތުން، މެމްބަރުންގެ އަދަދަކީ 80 ކަމަށް ކަނޑައެޅުމަށް ފާސްކުރައްވާފައިވަނީ 45 މެންބަރުންގެ ވޯޓުންނެވެ.
19 ވަނަ މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުންނެވެ. ނަމަވެސް ރައީސް މުއިއްޒު ވަޒީރުންގެ މަޖިލީހަށް އޭރު މަޖިލީހުގައި ތިއްބެވި 6 މެންބަރުން އައްޔަން ކުރެއްވުމާއެކު އެ ގޮނޑިތައް ވަނީ ހުސްވެފަ އެވެ. އަދި ނައިބު ރައީސް ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ހުސައިން މުޙައްމަދު ލަތީފު އިންތިޚާބުވެވަޑައިގަތުމުން އެގޮނޑި ވެސް ވަނީ ހުސްވެފަ އެވެ.
މަޖިލިސް އިންތިހާބަށް 6 މަހަށްވުރެ މަދު ދުވަސްކޮޅެއް އޮއްވައި، ގޮނޑިތައް ހުސްވުމުން އެ ގޮނޑިތަކުގެ ބައި-އިލެކްޝަން ނުބޭއްވޭނެ އެވެ. އެހެންވެ، މެންބަރުންގެ ޖުމްލަ އަދަދު ގުނާއިރު އެ ހަތް ގޮނޑި ނުހިމެނުމަށް ގަވާއިދަށް ވަނީ އިސްލާހު ގެނެސްފަ އެވެ.
މިވެސް ހާދަ މަތިން ފައިބައިގެ އުޅޭ އާލާތްގަޑެކޭދޯ މިއާލާތުން މައިތިރިކުރަން ރައްޔިތުން ނިކުންނަންވީ