މީޑިއާ ވިލެޖު ހެދުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމައިފި އެވެ.
ވަޒީރުންގެ މަޖިލީހުން ނިންމެވި ކަންތައްތަކާ ބެހޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ ބަޖެޓުން ފައިސާގެ ވަކި އިންސައްތައެއް މީޑިއާތަކަށް ކަނޑައެޅުމާ ބެހޭގޮތުން ހުށަހެޅި ކަރުދާހުގައި އެންމެ މުހިންމު ނިންމުމެއް ގޮތުގައި ނިންމާފައިވަނީ މީޑިއާ ވިލޖެއް އެކުލަވާލުމާ ގުޅޭގޮތުން ނިންމި ނިންމުން ކަމަށެވެ.
އެގޮތުން މީޑިއާ ވިލެޖް އެކުލަވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މީޑިއާ ވިލެޖު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން އެ ވިލެޖު ހަދާނެ ބިމެއް ކަނޑައެޅުމާއި، ބިން ޔުޓިލައިޒް ކުރާނެ ގޮތާއި މީޑިއާތަކަށް އިންސާފުވެރިކޮށް ބަހާނެ ގޮތް ނިންމުމަށް ކަމާ ބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށެވެ.
މީގެ އިތުރުން ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ކަމާ ބެހޭ ވުޒާރާތަކުން ކުރިއަށްގެންދިއުމަށް ރައީސް އަންގަވާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
އިންތިހާބުން ކާމިޔާބުވެވަޑައިގެން "ނޫސްވެރިންގެ ގުންޒަރު" ނަމުގައި ސޯޝަލް ސެންޓަރުގައި ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އެކި ތަންތަން ކުއްޔަށް ނަގައިގެން އޮފީސް ހަދަން ޖެހުމަކީ ކަންބޮޑުވުމެއް ކަމަށާއި ނަމަވެސް، އެއީ އެއް ދުވަހުން ހައްލު ގެނެވޭނެ ކަމަކަށްނުވި ނަމަވެސް ޕްލޭނެއްގެ ތެރެއިން އެ ކަން ހައްލުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި އެ ކަމަށް ޓަކައި މާލެ ސަރަހައްދުގައި މީޑިއާ ވިލެޖެއް ގާއިމްކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ދާއިރާގެ ތައުލީމް ހާސިލްކުރުމަށް ޓަކައިފަހި ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން މީޑިއާގެ ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތަކުގައި ކޮންމެ އަހަރަކު ވެސް ވަކި އަދަދެއްގެ ކޯސްތަކުގައި ސްކޮލަޝިޕް ދީގެން ހިލޭ ކިޔެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.