މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގައި އިހި ނަގަން އުޅެނިކޮށް ގެއްލުނު މުހައްމަދު ނައީޝް 18، ހޯދުމުގެ މަސައްކަތުގައި އިންޑިއާ އިން ދިން ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުން ކުރަން އެމްޑީޕީން ގޮވާލައިފި އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ޒުވާނަކު ގެއްލި 72 ގަޑިއިރު ފާއިތުވެގެންދިޔައިރު ވެސް ދައުލަތުގެ އިދާރާތަކުގެ ބެލުމުގައި ދަށުގައި ހުރި ހުރިހާ ވަސީލަތްތަކެއް އެ ޒުވާނާ ހޯދުމަށް ބޭނުން ނުކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
"އެކުވެރި ގައުމުތަކާ އެކު އޮންނަ ގުޅުންތަކުގެ ތެރެއިން ޒަމާނުއްސުރެ ރާއްޖެއިން މިފަދަ އޮޕަރޭޝަންތަކުގައި އެހީތެރިކަން ހޯދާއިރު މިއަދު ރާއްޖޭގައި އެފަދަ ފަންނީ ގާބިލުކަމާއި ވަސީލަތްތައް ލިބެން ހުރެމެ, އެ ވަސީލަތްތައް ބޭނުން ނުކުރުމަކީ މި ޕާޓީގެ ފަރާތުން ނުހަނު ކަންބޮޑުވާ ކަމެކެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
ރާއްޖޭގެ ސިފައިންނާއި ބޭރު ގައުމުތަކާ އެކު ގުޅިގެން ކުރިއަށް ގެންދިޔަ މިފަދަ 1،996 އޮޕަރޭޝަނެއްގައި 3,452 މީހުން ސަލާމަތް ކުރެވިފައި ވުމަކީ އޮޕަރޭޝަންތަކުގެ ކާމިޔާބީގެ ރޭޓު މަތިކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނީ ރާއްޖޭގެ އިދާރާތަކުގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގޭނެ ވަރަށް ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތް ފުރިހަމަ ނުވަނީސް އެ ވަސީލަތްތަކާއި ފަންނީ ލަފާ އޮޕަރޭޝަންތަކުގައި ބޭނުން ނުކުރުމަކީ އެ އޮޕަރޭޝަންތައް ކާމިޔާބު ކުރަން ދަތިވާނެ ކަމެއް ކަމަށެވެ.
"ދިވެއްސެއްގެ ފުރާނައަށްވުރެ ސިޔާސީ އެޖެންޑާއެއް އިސްކުރުމަކީ މިޕާޓީން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ. ނައީޝް ހޯދުމުގެ އޮޕަރޭޝަނުގައި މި ވަގުތު ރާއްޖޭގައި ލިބެން ހުރި ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ހިފުމަށް ސަރުކާރަށް ގޮވާލަމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އިތުރު ދެ މީހުންނާ އެކީގައި އިހި ނަގަން ގޮސް އުޅެނިކޮށް ގެއްލިފައި ވަނީ މަރަދު އަށް އުފަން އުމުރުން 18 އަހަރުގެ ނައީޝެވެ. އޭނާއަކީ އައްޑޫގެ ހައި ސްކޫލްގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ. މިހާތަނަށް އައިއިރު ވެސް އޭނާ ހޯދިފައެއް ނުވެ އެވެ.
މީގެ ކުރިން އާންމު ގޮތެއްގައި މިފަދަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި، އިންޑިއާ ސިފައިން ރާއްޖޭގައި ދުއްވާ ހެލިކަޕްޓަރު ނުވަތަ ޑޯނިއާ މަތިންދާބޯޓު ބޭނުން ކުރެ އެވެ. އެކަމަކު މި އޮޕަރޭޝަންގައި އެމްއެންޑީއެފުން ބޭނުން ކުރަމުން ދަނީ އައްޑޫ އެއާޕޯޓުގައި ހިންގަމުން އަންނަ ފްލައިން ސްކޫލް، މޯލްޑިވްސް އޭވިއޭޝަން އެކެޑެމީގެ މަތިންދާބޯޓެކެވެ. އަދި އެމްއެންޑީއެފްގެ ބައެއް ލޯންޗުފަހަރު ވެސް މި އޮޕަރޭޝަންގައި ބޭނުން ކުރެ އެވެ.