ޣައްޒާއަށް ކުރިމަތިކުރަމުންދާ ލާއިންސާނީ އަމަލުތައް ނިމުމަކަށް ގެނައުމަށް، އދ. ގެ ސަލާމަތީ މަޖިލީހުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ނާކާމިޔާބުވެފައިވާކަން ފާހަގަކުރައްވައި އެކަން ރައީސް މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފި އެވެ.
ރައީސް މިފަދައިން ވިދާޅުވީ ނިއުޔޯކްގައި ކުރިއަށްދިޔަ އދ. ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ހާއްސަ ޖަލްސާގެ 45 ވަނަ ޕްލެނަރީ މީޓިންއަށް، ފޮނުއްވި މެސެޖުގަ އެވެ.
ނިއުޔޯކްގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ހާއްސަ ޖަލްސާގައި، ރައީސްގެ ފަރާތްޕުޅުން، މި ބަޔާން އިއްވެވީ އދ. އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ޝާޒޭ ޑި އެފެއާޒް އަދި ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް އިބްރާހީމް ޒުހުރީ އެވެ.
ރައީސްގެ މެސެޖުގައި އދ. ގެ ސަލާމަތީ މަޖިލީހުން އެ މައްސަލަ ވީޓޯކުރުމުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމުގައި ފެއިލްވުމުގެ އިތުރުން، މިކަމުގެ ސަބަބުން ހަނގުރާމައިގެ ޖަރީމާތަކަށް މަގުފަހިކޮށްދެމުންދާތީ، މިހާރު ދުނިޔޭގެ އެތައް މިލިއަން ބަޔަކު އިންސާނިއްޔަތުގެ އަގާއި އދ.ގެ ބޭނުންތެރިކަމާމެދު ސުވާލު އުފައްދަމުންދާކަމުގައި ވިދާޅުވި އެވެ.
މީގެ 78 އަހަރު ކުރިން އދ. އުފެދުނީ ދެވަނަ ބޮޑު ހަނގުރާމައިގައި ކުރިމަތިވި ފަދަ އަނިޔާވެރިކަމެއް ދުނިޔެއަށް ދެން ފެންނަން ނޭދޭތީ، އެކަން ކަށަވަރުކުރުމަށްކަމުގައި ފާހަގަކުރައްވަމުން، ބައިނަލްއަޤްވާމީ ސުލްހައާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއްކަމުގައި ރައީސް ވިދާޅުވި އެވެ. ހަމަ އެއާއެކު ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް، އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އެންމެހައި އަމަލުތައް ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓުން ތަހުގީގުކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް، ރާއްޖެއިން ގޮވާލައްވަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މި އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހުގެ ކުރިން ވެސް އިސްރާއީލުގެ ބާރުގެ ދަށުން ފަލަސްޠީނަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާކަން ރައީސް ފޮނުއްވި މެސެޖުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފަ އެވެ. އެހެންކަމުން، އިންސާނީ ހައްގުތައް ދެމެހެއްޓުމުގައި ދެފުށް ފެންނަ މިންގަނޑުތަކެއް ގެންގުޅުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ރައީސް ގޮވާލެއްވި އެވެ. ހަމަ އެއާއެކު، އާންމު ރައްޔިތުންގެ ހިމާޔަތަށް ހާއްސަ ސަމާލުކަމެއް ދިނުމާއެކު، ބައިނަލްއަޤްވާމީ އިންސާނީ ގާނޫނުތަކުގައި ހިފަހައްޓައި އެ ގާނޫނުތަކުގައިވާ ގޮތަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރިހާ ފަރާތް ތަކަކަށް ވެސް ބާރުއެޅުއްވުން އިތުރުކުރުމަށް އ.ދ.ގެ ޖެނެރަލް އެސެމްބްލީގެ ބައިވެރިންގެ ފަރާތުން އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ. އަދި ގަވާއިދާ ހިލާފަށް ފަލަސްޠީނުގައި މީހުން ވަޒަންވެރިކުރުން އިތުރުކުރުމާއި، ފަލަސްޠީނުގެ އިޤްތިސާދު އެކަހެރިކުރުން ހުއްޓުވުމަށް، އިސްރާއީލު ސަރުކާރަށް، ބައިނަލްއަޤްވާމީ ގޮތެއްގައި ބާރުއެޅުމަށް ރައީސް ގޮވާލެއްވި އެވެ.
އދ.ގެ މި ކުއްލި ބައްދަލުވުމަކީ މިޞްރާއި، މޮރިޓޭނިއާގެ އެދުމުގެ މަތިން އދ.ގެ އާންމު މަޖިލީހުގެ ޤަރާރު 377 "ޔުނައިޓިންގ ފޮރ ޕީސް" ކަމުގައި ފާހަގަކުރައްވައި، ރައީސް ވަނީ މި ޤަރާރު ދިވެހިރާއްޖެއިން ކޯ-ސްޕޮންސާ ކުރައްވާފައިވާކަން ފާހަގަކުރައްވައިފަ އެވެ. އަދި އެ ޤަރާރުގައި ވަނީ، އިސްރާއިލުން ހިންގާ ލާއިންސާނީ ހަނގުރާމަ ހުއްޓާލުމަށާއި، ރަހީނުކުރި އެންމެން ވަގުތުން ވަގުތަށް ޝަރުތެއްނެތި ދޫކޮށްލުމަށާއި، ހަމަނުޖެހުންތަކުގެ ސަބަބުން ގެއްލުން ލިބުނު ހުރިހާ ސަރަހައްދަކަށް ހުއްޓުމެއް ނެތި އިންސާނީ ވަޞީލަތްތައް ލިބޭނެކަމުގެ ޔަޤީންކަން ދިނުމަށް ގޮވާލުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއާ ގުޅިގެން އދ.ގެ އާންމު މަޖިލީހާއި ހިއުމަން ރައިޓްސް ކައުންސިލް އަދި އދ.ގެ ސަލާމަތާބެހޭ މަޖިލިސް ފަދަ އެކި ފޯރަމްތަކުގައި ދިވެހިރާއްޖޭގެ ސަރުކާރުން އަންނަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަދި މި މެސެޖުގައި ވެސް ރައީސް ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއި، ފަލަސްޠީނުގެ ސަރުކާރު، އަމިއްލަ އިޚްތިޔާރުގެ ހައްގު ހާސިލުކުރުމަށް ކުރާ މަސައްކަތުގައި، ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރު ސާބިތުކަމާއެކު އެންމެ ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފަ އެވެ. ހަމަ އެއާއެކު ރައީސްގެ މެސެޖުގައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، ފަލަސްޠީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް ގޮވާލެއްވި އެވެ.