ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރުންގެ މަގާމަށް މިނިސްޓަރުންގެ ފެންވަރުގައި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު ވެސް މަސައްކަތް ކުރައްވާނީ އޮފީހަށް ވަޑައިގެން ފުލްޓައިމްކޮށް ކަމަށާއި އެ ބޭފުޅުންނަށް މުސާރަ ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

މިނިސްޓަރުން ފެންވަރުގެ ބޭފުޅުންނަށް މަހެއްގެ މައްޗަށް 57،000ރ. މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބިވަޑައިގަންނަވަ އެވެ.

މީގެކުރީގެ ސަރުކާރުތަކުގައި ވެސް މިނިސްޓަރުންނަށް ލަފާ ދެއްވުމަށް ހާއްސަ އެޑްވައިޒަރުން އައްޔަންކޮށްފައިވެ އެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ރައީސްގެ އެޑްވައިޒަރެއްގެ ގޮތުގައި ވޯލްޑް ބޭންކް ގްރޫޕުގެ ކުރީގެ ޗީފް އިކޮނޮމިސްޓް ކަމަށްވާ ޑރ. ޝާންތާ ޑެވަރަޖަން ހުންނެވި އެވެ. ނަމަވެސް މުސާރައެއް ނުނަންގަވަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޑްވައިޒަރުންގެ ގޮތުގައި ފިނޭންސް މިނިސްޓްރީގައި އާރިފް ހިލްމީ އާއި ކުރީގެ ފިނޭންސް މިނިސްޓަރު މުހައްމަދު ޖަލީލު ވެސް މަސައްކަތް ކުރެއްވެވި އެވެ. އެ ބޭފުޅުން ވެސް މުސާރަ ނުނަންގަވާ ކަމަށްވެ އެވެ.

މުނައްވަރާއި ނަސީރަށް މަގާމުގެ ފަތްކޮޅު ދެއްވާފައި ވަނީ މިކަމަށްޓަކައި އިއްޔެ ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.ދެ ބޭފުޅުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަޒީރުންނަށް ބޭނުންވާ މާލީ އިރުޝާދު ދިނުން ހިމެނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރު ކަމަށް މުނައްވަރު އައްޔަންކުރެއްވީ 2016 ވަނަ އަހަރުގަ އެވެ. އޭނާ މިނިސްޓަރަކަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ ޖިހާދު އޭރު ނައިބު ރައީސަކަށް އައްޔަންކުރެއްވުމުންނެވެ.

ނަސީރަށް ގަވަރުނަރުކަން ލިބިވަޑައިގަތީ އޮގަސްޓް 24، 2017 ގަ އެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ ޖުލައި 24، 2019 ގަ އެވެ.