މި ސަރުކާރު ކޮރަޕްޓްނުވެ ހިންގާނެ ކަމުގެ ޔަޤީންކަން ރައީސް މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ދެއްވައިފި އެވެ.
އެމަނިކުފާނު މި ޔަގީންކަން ދެއްވީ މިއަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދަރުބާރުގޭގައި މިއަދު ހެނދުނު ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، މި ސަރުކާރުގެ އެއްވެސް ފަރާތެއް ކޮރަޕްޝަންގެ އަމަލެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި އެފަރާތަކާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު ފަސްޖެހުމެއްނެތި އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ހަމަ އެއާއެކު ކޮރަޕްޝަނާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށް ކުރެވެންހުރި މަސައްކަތްތައް އިލްމީ ފެންވަރުގައި ކުރިއަށްގެންދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި، މި ސަރުކާރުގެ ސިޔާސަތަކަށްވާނީ، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި ފުރިހަމައަށް އެއްބާރުލުންދިނުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މިއަހަރުގެ ޝިއާރު "ޔުނައިޓިން ދަ ވޯލްޑް އަގެއިންސްޓް ކޮރަޕްޝަން" ގެ މައްޗަށް ރައީސް އަލިއްޅުއްވައިލެއްވި އެވެ. މިގޮތުން، މި ޝިއާރުން ވެސް އެނގެނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގައި މުޅި ދުނިޔެ އެކައްޗަކަށް ވާންޖެހޭކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މިއަދުގެ ޖަލްސާގައި ރައީސް ވަނީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަކީ ގައުމީ މަސައްކަތަކަށް ހަދަންޖެހޭކަމެއްކަން ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ، ކޮންމެ މީހަކުވެސް އެމީހަކާ ހަމައިން ކޮރަޕްޝަނަށް ނޫނެކޭ ބުނަން ފެށުމަށް ބާރުއަޅުއްވާފަ އެވެ. މީގެ އިތުރުން، އެއްވެސް ފަރުދަކު އެ އޮންނަ އުސޫލުން ބޭރުން ކަންކަމަށް ނޭދުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ. ހަމަ އެއާއެކު ޤައުމުގެ މަތީ މަގާމުތަކުގައި ތިބޭ ފަރާތްތައް އަމާނަތްތެރިވުމަށާއި، ފަރުވާތެރިވުމަށާއި، އިޚްލާސްތެރިވުމަށާއި، ދީންވެރި ހިތެއްގެ ވެރިއަކަށްވުމަށް ރައީސް ބާރު އެޅުއްވި އެވެ.
މި ޖަލްސާގައި ރައީސް ވަނީ، މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ އިފްތިތާހު ކޮށްދެއްވާފަ އެވެ. މި އެކަޑަމީގެ މައިގަނޑު މަގްސަދަކީ ކޮރަޕްޝަނާއި، އިޤްތިޞާދީ ކުށްތައް ތަހުގީގުކުރުމާ ގުޅޭ ފަންނީ ދާއިރާތަކުން އިންސާނީ ވަސީލަތް ބިނާކުރުމެވެ.
މިއަދުގެ ޖަލްސާގައި، ކޮރަޕްޝަނާ މެދު އާންމުން ދެކޭގޮތުގެ ގައުމީ ފެންވަރުގެ ދިރާސާ "ނޭޝަނަލް ކޮރަޕްޝަން ޕާސެޕްޝަން ސާވޭ 2023" ނެރެދެއްވުންއޮތެވެ. އަދި ކޮރަޕްޝަން ރިސްކް ސެލްފް އެސަސްމަންޓް ޓޫލްކިޓް އާންމުކުރުމާއެކު، މޯލްޑިވްސް އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑު ވެސް އިފްތިތާހު ކުރެއްވުންއޮތެވެ.