ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކޮޅު ހައްދަވައިފި އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒާ ސުވާލު ކުރަމުން ނޫސްވެރިއަކު ބުނީ އެމަނިކުފާނަށް ދިން ވޯޓަކީ ޔާމީން މިނިވަންކުރަން ދިން ވޯޓެއް ކަމަށް ޔާމީންގެ ސަޕޯޓަރުން ބުނާ ކަމަށެވެ. ނަމަވެސް އިންތިހާބު ކާމިޔާބުވެވަޑައިގަތުމުން ޔާމީން ކުރައްވާ މެސެޖްތައް ސީންކޮށްފަ ޖަވާބު ނުދެއްވާ ކަމަށް ސަޕޯޓަރުން ބުނަމުން އަންނަ ކަމަށް ވެސް އެ ނޫސްވެރިޔާ ބުންޏެވެ.
އެހެންކަމުން ޔާމީނާ ގުޅުން ކަނޑާލެއްވީ ކީއްވެތޯ އެ ނޫސްވެރިޔާ މުއިއްޒާ ސުވާލުކުރި އެވެ.
އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ މިއަދާއަހަމަށް ވެސް އެއިން އެއްވެސް ބޭފުޅެއްގެ ވާހަކަ ދައްކަވާ ބޭފުޅެއް ނޫން ކަމަށެވެ.
"ދެން ރައީސް ޔާމީނާ ބެހޭގޮތުން ކުރެއްވި ސުވާލު. އަޅުގަނޑަކީ މިއަދާހަމައަށް ވެސް އެއިން އެއްވެސް ބޭފުޅެއްގެ ވާހަކަ ދައްކާ މީހެއް ނޫން. ނޯންނާނެ ދައްކާފައެއް މިހާތަނަށް އައިއިރުވެސް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު މިފަދައިން މިހާރު އަމަލުކުރައްވާއިރު، އެމަނިކުފާނު ކެމްޕޭންތެރޭގައި އަމަލުކުރެއްވިގޮތް ވަރަށް ތަފާތެވެ. ކޮންމެ ޖަލްސާއެއްގައި ވެސް އެންމެ ފުރަތަ ދައްކަވަނީ ޔާމީންގެ ވާހަކަފުޅެވެ. ޖަލްސާތަކުގައި އިށީންނަވާ ގޮނޑިކޮޅުގެ ކައިރީގައި ޔާމީންގެ ނަން ލިޔެފައިވާ ހުސް ގޮނޑިއެއް ހުރެ އެވެ.
ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވެސް ޔާމީނާ މިހާރު ގުޅުން ނުބާއްވަ އެވެ. މުއިއްޒުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި މިހާރު ފާހަގަވެފައި ވަނީ ވެސް އަބްދުއްރަހީމެވެ.