އެންމެ އުފާވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަދަލުވުމުން ކަމަށާއި ރައީސް ސޯލިހުގެ ސަރުކާރުން ކޮށްފައިހުރި ކަންތައްތައް ބަލާލުމުން އެންމެ ބޮޑެތި ވައްކަމާއި ފަސާދަ ހިންގާފައިވަނީ ކޮން ބައެއްކަން ސާފުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ ސަޕޯޓަރުންގެ ފަރާތުން ރޭ އެރުވި ހާއްސަ ފަރިވަޅާ ހަވާލުވުމަށްފަހު ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުނެވެ.
މި ވަގުތު ގޭ ބަންދުގައި ހުންނެވި ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރާއި އިންޑިއާ ސަރުކާރުން ހީކޮށްގެން ތިބީ އެމަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހެދުމުން އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ. ނަމަވެސް މާތްﷲ ގެ ތަދުބީރުގެ ރޭއްވެވުންތެރިކަން މާ މޮޅުކަން މި ސަރުކާރާއި ސަރުކާރުގައި ތިބި އިލްމުވެރީންނަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި މިއަދު ލިބޭ އެންމެ ބޮޑު އުފަލަކީ ރައީސް ސޯލިހުގެ ވެރިކަން ބަދަލުވެގެން ދިޔުން ކަމަށެވެ. ރައީސް ސޯލިހުގެ ސަރުކާރުން ރާއްޖެ ވަރަށް ބޮޑަށް ހަލާކު ކޮށްލާފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ތާއީދާ އެކު އުފެދުނު ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތާއީދު ކުރުމުގައި ދެމި ތިބުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިހްގެ ސަރުކާރަށް ފާޑު ވިދާޅުވެ އެމަނިކުފާނު ވަނީ މައްސަލަތައް ބަލާލުމުން އެންމެ ބޮޑެތި ވައްކަމާއި ފަސާދަ ހިންގާފައިވަނީ ކޮން ބައެއްކަން ސާފުވާނެ ކަމަށް ވިދާޅު އެ މައްސަލަތައް ބަލަން އެދިވަޑައިގެންފަ އެވެ.
ޔާމީން ވަނީ މިދިޔަ ދިގު މުއްދަތުގައި އެމަނިކުފާނު މިނިވަން ކުރުމަށް ސަޕޯޓަރުން ކުރި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
ޖަލު ބަންދުން ގެއަށް ވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ރައީސް ޔާމީން ވިދާޅވީ އެމަނިކުފާނާ އެކު ސިޔާސީ މަސައްކަތުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން އެމަނިކުފާނު މިނިވަން ކުރުމުގެ ހަރަކާތުން މިހާރު ނުފެންނާތީ އެކަމާ ދެރަފުޅުވާ ކަމަށެވެ.
ޔާމީން ވިދާޅުވި ގޮތުގައި ގަސްތުގައި އެމަނިކުފާގެ އިސްތިއުނާފު ލަސްކުރީ އެވެ. އަދި ރާވައިގެން އެމަނިކުފާނުގެ އިންތިހާބީ ހައްގު ނިގުޅައިގަތީ އެވެ. މީގެ ކުރީން ފާރިސް މައުމޫނާއި މައުމޫން އަބްދުލްގައްޔޫމާއި ގާސިމް އިބްރާހިމަށް ވެސް ކަފާލާތު ލިބިވަޑައިގެން ކަމަށާއި ނަމަވެސް ރައީސް ޔާމީނާއި ޖެހުމުން އެ ހައްގު ވެސް ލިބިވަޑައިނުގެން ކަމަށް ވިދާޅުވި އެވެ. އަދި އިސްތިއުނާފު ނުނިމޭތީ އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ކުރީން ދިނުމަށް ފަހު އެ އުސޫލު ވެސް އެމަނިކުފާނާއި ޖެހުމުން ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ މި ފަހަރުގެ އިންތިހާބާ ދިމާކޮށް ސުޕްރީމް ކޯޓުން އެމަނިކުފާނާ ދެކޮޅަށް ނިންމި ނިންމުމަކީ އެ ކޯޓުން ގާއިމުކުރި ވަރަށް ނުރައްކާތެރި އުސޫލެއް ކަމަށް ވިދާޅުވެފަ އެވެ.
ޖަލުގައި ހުންނަވަން ޖެހިވަޑައިގަތީ ނުހައްގުން ކަމަށް ވިދާޅުވެ ގާނޫނީ ހަމަތަކުގެ މަތީން އެމަނިކުފާނުގެ ގައިކޮޅުގައި އަތް ނުލެވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.