ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ވ. އާރަށް ކުއްޔަށް ދިނުމަށް ހިންގި މުއާމަލާތާ ގުޅިގެން އަމިއްލަ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އިތުރަށް އެހެން ފައިސާ ވެސް ޖަމާކޮށްފައިވާތީ އެއީ އަސްލު އޮޅުވާލުން ނުވަތަ ލޯންޑާ ކުރުން ކަމަށް ދައުލަތުން ބުނެފި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 52 މިލިއަށް ރުފިޔާ އިން ޖޫރިމަނާ ކޮށްފަ އެވެ.
މި މަހުގެ 7 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ޔާމީން ވިދާޅުވީ ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ވ. އާރަށް ކުއްޔަށް ދިނުމަށް ހިންގި މުއާމަލާތާ ގުޅިގެން އަމިއްލަ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ފައިސާގެ އަސްލު އޮޅުވާލަން ހިންގި މުއާމަލާތެއް ނަމަ ރާއްޖޭގެ ބޭންކެއްގައި ހުރި އަމިއްލަ އެކައުންޓަކަށް އެ ފައިސާ ޖަމާނުކުރާނެ ކަމަށެވެ.
ޔާމީން ވިދާޅުވީ ބޭންކް އެކައުންޓަށް ވަތް ފައިސާއަކީ ޑޮލަރު މާރުކުރުމަށް ހިންގި މުއާމަލާތެއް ކަމަށެވެ. ޔާމީން ވިދާޅުވީ ރާއްޖޭގެ ބޭންކިން ނިޒާމު އޮތް ގޮތުން މަނީ ލޯންޑާ ކުރުމަށް ރާއްޖޭގެ ބޭންކެއްގައި ހުރި އަމިއްލަ އެކައުންޓަކަށް ފައިސާ ޖަމާކޮށްގެން އެކަން ނުކުރެވޭނެ ކަމަށެވެ، އެއީ ރާއްޖެއަކީ ބޭންކް އެކައުންޓްތަކުގެ މައުލޫމާތު ސިއްރު ކުރެވޭ ގައުމެއް ނޫން ކަމަށާއި ފުލުހުންގެ ތަހުގީގުތަކަށް އެފަދަ މައުލޫމާތު ހޯދޭ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެ ފައިސާ ހުރި ހޮންކޮން އެންޑް ޝަންގްހާއީ ބޭންކް (އެޗްއެސްބީސީ) ގައި ކަމަށާއި އެ ބޭންކު ބަންދު ކުރުމުން ފައިސާ އިސްލާމިކް ބޭންކު އެކައުންޓަށް ޖަމާކުރެއްވި ކަމަށެވެ. އަދި މީހެއްގެ އަމިއްލަ އެކައުންޓުގައި ހުރި ފައިސާއެއް އެމީހާގެ އެހެން އެކައުންޓަކަށް ޖަމާކުރުމަކީ މައްސަލައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އެ ވާހަކަތަކަށް ރައްދު ދެމުން ދައުލަތުން ބުނީ އެކައުންޓަށް ފައިސާ ޖަމަކުރުމަށް ހިންގި މުއާމަލާތްތަކުން ފައިސާގެ އަސްލު ގެއްލުމުގެ ފުރުސަތު އޮތް ކަމަށެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ އެއް މިލިއަން ޑޮލަރު ޖަމާކުރުމަށް ފަހު ފުރަތަމަ އެއަށް އެއްކުރީ ހާހެއްހާ ޑޮލަރު ކަމަށެވެ. އަދި އޭގެ ފަހުން ވެސް އެގޮތަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. އަދި އޭގެ ތެރެއަށް އެހެން ފައިސާ އެއްކުރުމުން ފައިސާގެ އަސްލު އޮޅުވާލީ ކަމަށް ބެލެވިދާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.