ވެރިކަމަށް ނުކުންނަން މަޖުބޫރު ކުރުވީ މި ސަރުކާރުން ވަމުން ދިޔަ ހިޔާނާތާއި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ވިއްކާލަމުން ދާތީ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ގަމު ރައްޔިތުންނާ ބައްދަލުކުރައްވާ ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ނުކުންނެވީ މަޖުބޫރުވެގެން ރައްޔިތުންގެ ހައްގުތައް ދިފާއު ކުރަން ކަމަށެވެ.
މި ސަރުކާރުން ބޮޑެތި ކޮރަޕްޝަންތައް ހިންގާ ދައުލަތުގެ ފައިސާއަށް ރޯމާ ދުވާލު ހިޔާނާތްތެރި ވަނީ ކޮން ބާރެއް އޮވެގެންތޯ ގާސިމް ސުވާލު އުފެއްދެވި އެވެ.
ސަރުކާރުން ރާއްޖެ ދަރަނިވެރި ކުރުވައި އިންޑިއާއަށް ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ވިއްކާލާފައިވާ ކަމަށް ވިދާޅުވި އެވެ.
"ރާއްޖެ ދަރާފައިވަނީ އިންޑިއާއަށް. އެ ގައުމުގައި ރައްޔިތުން ތިބީ ސާފު ފެންފޮދެއް ވެސް ނުލިބި. ދެން ކީއްވެ ރާއްޖެ އަށް މިވަރަކުން މި އެހީވަނީ. އަމިއްލަ އަށް ވިސްނާލީމަ އެނގޭނެ ވަނީ ކީއްކަން. މިނިވަންކަން ގެއްލިދަނީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ކަންތައްކުރީ އެފަދައިން ކަމަށާއި ފޮށި ފޮށީގައި ބަހަމުން ދިޔައީ ދައުލަތު ފައިސާ ކަމަށެވެ.
މި ސަރުކާރުން ތަރައްގީގެ މަޝްރޫއެއް ހިންގިކަމުގައި ވިޔަސް އެކަމެއް ކުރަނީ ވެރިންގެ ޖީބު ބޮޑުވާގޮތަށް ކަމަށް ވިދަޅުވި އެވެ. ގާސިމް ވިދާޅުވީ ސަރުކާރުން ހިންގާ ކޮރަޕްޝަން އެމަނިކުފާނުގެ ވެރިކަމެއްގައި ބަލާނެ ކަމަށެވެ.