އެމަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރެއްގައި ކުޅުދުއްފުށި ސިޓީގެ ހިއްސާ ބޮޑުވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށި ސިޓީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އުތުރުގައި އޮތް އެންމެ މުހިންމު އެއް ރަށަކީ ކުޅުދުއްފުށި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑުމެން އުފައްދާ ސަރުކާރެއްގައި ކުޅުދުއްފުށީ ސިޓީގެ ބައިވެރިވުން އޮންނާނެ،" ރައީސް ވިދާޅުވި އެވެ.
ދެވަނަ ދައުރުގައި އެ ސިޓީގައި ހިންގަން ނިންމާފައިވާ ބޮޑެތި މަޝްރޫއުތައް ރައީސް ވަނީ މިރޭ އިއުލާން ކުރައްވާފަ އެވެ.
އޭގެތެރޭގައި އެ ސިޓީގައި ކޮމާޝަލް ހާބަރެެއް ތަރައްގީކުރުން ހިމެނެ އެވެ. އެ ބަނދަރު ތަރައްގީ ކުރުމުން ރަށްރަށް މުދާ ހިފައިގެން ވިޔަފާރިކުރާ މީހުންނާއި މުދާ ވިއްކާ ފަރާތްތަކަށް ޚާއްސަކޮށްގެން އެތެރޭގެ ބޭނުންތަކަށް އެ ބަނދަރު މުހިންމުވާނެ ކަމަށެވެ.
އެ ސިޓީގެ ހުރިހާ މަގެއް ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެރަށް ކައިރީ އޮންނަ ކުނބުރުދޫ ސިނާއީ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވާނެ ކަމަށް ވެސް ރައީސް ވައުދުވެވަޑައިގަތެވެ.
ރައީސް ވިދާޅުވީ އޭރުން އެ ރަށުގައި ބޯޓުފަަހަރު ބަނުމާއި، ގުދަންކުރުމާއި އެ ނޫން ސިނާއީ ބޭނުންތަކަށް އެ ރަށް ބޭނުންކުރެވޭނެ ކަމަށެވެ.
ޔޮޓް މެރީނާއާއި ކްރޫޒްލައިނާއަށް ޚިދުމަތްދެވޭހެން ކުޅުދުއްފުށި ސިޓީ ތަރައްގީކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކުޅުދުއްފުށި ކައިރީ ޕިކްނިކް އައިލެންޑެއް ތަރައްގީކޮށް، ބޮޑުތިލަދުންމައްޗަށް ޚާއްސަ ފައިނޭންސް ލޯން ޕެކެއް ދޫކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ދެވަނަ ދައުރެއްގައި ހދ. އަތޮޅަށް އެންމެ އިސްކަން ދެއްވާނެ އެއް ކަމަކީ އެ އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި ސަރަހައްދުގައި ފުރަތަމަ ވެސް 5،000 އެނދު އެޅުން،" ރައީސް ވިދާޅުވި އެވެ.