ގައުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އިންޑިއާ ކުންފުނިތަކަށް ދީފައި ހުރި މަޝްރޫއުތައް އަތުލާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެއަތޮޅު މަހިބަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، އިންތިހާބު ގުޅިފައި އޮތީ ހަމައެކަނި ތަރައްގީއާ ނޫން ކަމަށާއި އެންމެ ބޮޑު ކަމަކަށް އޮތީ މިނިވަންކަން ޔަގީން ކުރުން ކަމަށެވެ.
މުއިއްޒު ވިދާޅުވީ މިސަރުކާރުން އިންޑިއާ ކުންފުނިތަކަށް ދީގެން ހިންގާ މަޝްރޫއުތަކުގައި ގޮތް ނޭންގޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެއީ ކަންބޮޑުވާންޖެހޭ ކަންތައްތައް ކަމަށް މުއިއްޒު ވިދޅާުވި އެވެ. އަދި ގޮތް ނޭނގޭ އެއްވެސް އެއްބަސްވުމެއް އޮވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
ތިލަމާލެ ބްރިޖް ލަސްވަމުންދާތީ އެކަމާ މުއިއްޒު ވިދާޅުވީ އެމަޝްރޫއު ވެސް ކުރިއަށް ނުދަނީ އެކަމުގައި ކޮންމެވެސް ގޯހެއް އުޅޭތީ ކަމަށެވެ. އެހެން ނޫން ނަމަ ފަސް އަހަރު ވެގެންދާއިރު ޖެހެން ވާނީ އެންމެ ތަނބެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ރައްޔިތުންނަށް ފައިދާވާ ގޮތަށް އޮތް މަޝްރޫއެއް ކަމަށް ވަންޏާ ކުރިއަށް ދާނެ. މިހާރަށް ވުރެ ބާރަށް ކުރިއަށް ދާނެ. މިސާލަކަށް ބްރިޖު މަޝްރޫއު. އޭގެ ހަގީގަތެއް ނޭނގޭ. ގައިމު ވެސް ނުބައިތަކެއް ހުރީމާ ނޫންތޯ ފަސް އަހަރު ވާއިރު އެންމެ ތަނބެއް ވެސް ނުފެނިގެން މި އުޅެނީ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އުތުރު ތިލަފަޅުގެ މަޝްރޫއަކީ ވެސް ގޮތް ނޭނގޭ މަޝްރޫއެއް ކަމަށާއި އެފަދަ މަޝްރޫއުތައް ހިންގާ ކުންފުނިތައް ބޭރު ކުރާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ މިހާރު ވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމުގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމަށް ހުރަސް އެޅިފައިވާ ކަމަށެވެ. އެހެން ގައުމެއްގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާކަށް އެއްބަހެއް ނުވެވޭނެ ކަމަށާއި އެންމެ ފުރަތަމަ އިސްކުރާނީ ގައުމުގެ މިނިވަންކަން ކަމަަށް މުއިއްޒު ވިދާޅުވި އެވެ.