ބަނގުރާ ގެންގުޅުނު މައްސަލައެއްގައި ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާމިނަތު ޝާޔަން ޝާހިދު ހައްޔަރުކުރުމަށްފަހު ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލައިފި އެވެ.

މިމައްސަލާގައި ޝާޔަންގެ އިތުރުން އޭނާގެ ފިރިމީހާ ވެސް ހައްޔަރުކުރި އެވެ. މިދެ މީހުން ވެސް ހައްޔަރުކުރީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުނުކަމުގެ ތުހުމަތުގަ އެވެ.

ޝާޔަން އާއި އޭނާގެ ފިރިމީހާ އަހްމަދު ޝައްމާން ނަޒީރު ބަންދާމެދުގައި ގޮތެއް ނިންމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފަ އެވެ.

ޝާޔަން ބަންދުން ދޫކޮށްލީ އޭނާ ހުރި ތަނުން ފެނުނު ބަނގުރާ ދަޅުތަކަކީ އޭނާގެ ފިރިމީހާގެ ތަކެތި ކަމަށް ބުނެފައި ވާތީ އާއި އޭނާ އަކީ ކުށުގެ ރެކޯޑް އޮތް މީހަކަށް ނުވާތީ ކަމަށް ކޯޓު އަމުރުގައިވެ އެވެ.

ޝަރުތުކުރުމަށް ފަހު ޝާޔަންގެ ފިރިމީހާ ވެސް ދޫކޮށްލި އިރު، އެތަނުން ފެނުނު ބަނގުރާ ދަޅުތަކަކީ އޭނާގެ ތަކެތި ކަމަށް ކޯޓުގައި އޭނާ އިއުތިރާފުވެފައިވާ ކަމަށް ވެސް އެ އަމުރުގައިވެ އެވެ.

މި މައްސަލާގައި ޝާޔަންގެ ދެމަފިރިންގެ އިތުރުން ހަ މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ޝާޔަންގެ ދައްތަ ވެސް ހިމެނެ އެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ޓްރެފިކް ކުރި ކަމުގެ ތުހުމަތު ކުރެވޭތީ އޭނާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ދީފަ އެވެ. ދެން ތިބި މީހުންގެ ބަންދަށް ވެސް 10-15 ދުވަސް ދީފަ އެވެ.