ދަ ޑިމޮކްރެޓްސް އާއެކު މަސައްކަތް ކުރުމުގެ ދައުވަތު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޖިލިސް މެންބަރުންނަށް އެޕާޓީން ދައުވަތު ދީފި އެވެ.
ދަ ޑިމޮކްރެޓްސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ވަގުތީ ޗެއާޕާޝަން އަދި ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސްގެ އިސްބޭފުޅުން ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި ޕީޕީއެމްގެ އާންމު މެންބަރުންގެ ފަރާތުން އެންމެ ބޮޑަށް ފެނިގެން ދިޔައީ ދެޕާޓީ ގުޅިގެންވިޔަސް ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަށް ގެނައުމުގެ ރޫޙް ކަމަށެވެ. އެގޮތުން ޕީޕީއެމްގެ މަޖިލިސް މެންބަރުންނަށް ޑިމޮކްރެޓްސްއާއެކު މަސައްކަތްކުރެއްވުމަށް މިހާރު ދައުވަތު އަރުވައި، އެކަމާ ގުޅިގެން އެ ބޭފުޅުން ކުރައްވަން އެދިވަޑައިގަންނަވާ ކޮންމެ މަޝްވަރާއެއް ކުރެއްވުމަށްވެސް ފުރުސަތު އޮތްކަން އަންގަވާފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.
އަދި މި ދަނޑިވަޅަކީ ޕީޕީއެމްގެ އާންމު މެމްބަރުންނަށް "ވަރަށް މާޔޫސް ވަގުތުކޮޅެއް"ކަން އެނގިވަޑައިގަންވާ ކަމަށާއި ޕާޓީގެ އެތެރޭގައި ކަންކަން ހިނގައިދިޔައީ މެމްބަރުން އެންމެ އެދޭނެ ގޮތަށް ނޫން ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް ހަސަން ލަތީފު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޑިމޮކްރެޓުން ވަރަށް ބޮޑަށް އެދެން، ޕީޕީއެމް އާންމު މެމްބަރުންގެ އަރިހުން ވެސް، އަދި ހާއްސަކޮށް ޕީޕީއެމްގެ ބައެއް އިސް މެންބަރުންގެ ކިބައިން، ޑިމޮކްރެޓްސްއާ އެކު މި ވަގުތު މަސައްކަތް ކުރެއްވުމަށް،" ހަސަން ވިދާޅުވި އެވެ
ހަސަން ވިދާޅުވި ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުގެ ރަނިންމޭޓުގެ މަގާމަށް ހަމަޖައްސަވާފައިވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން ނޫން ހުރިހާ މެންބަރުންނަށް ޑިމޮކްރެޓްސްއިން ވަނީ އެކީގައި މަސައްކަތްކުރުމުގެ ދައުވަތު އަރުވާފަ އެވެ.