ރާއްޖެ އާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި މޮރިޝަޝްގެ ބޮޑުވަޒީރަށް ފޮނުއްވި ކަމަށް ބުނެ އާންމުވެގެން އުޅެނީ އެމަނިކުފާނު ފޮނުއްވި ސިޓީއެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުަހއްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ޖާގޯސް މައްސަލާގައި މިއަދު އިޓްލޮސް އިން ނިންމި ނިންމުމާ ގުޅިގެން ރާއީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލު ރައީސް ސޯލިހު ވަނީ އެ ސިޓީގެ ތަފްސީލް ދެއްވައިފަ އެވެ.
ރައީސް ވިދާޅުވީ އެ ސިޓީ އަކީ ޗާގޯސްއަކީ އިނގިރޭސީންގެ ތަނެއް ކަމަށް ރާއްޖެއިން ދެން ނުބުނާނެކަން އެންގުން ކަމަށާއި ކުރިން ޗާގޯސް، މޮރިޝަސްގެ ބާރުގެ ދަށަށް ގޮސްފައި އޮތުމާ އެކު ފޮނުއްވި ސިޓީފުޅެއް ކަމަށެވެ. އެ ސިޓީ އަކީ އިމުގެ މައްސަލައާ ގުޅިގެން ފޮނުއްވި ސިޓީއެއް ނޫން ކަމަށާއި އެއީ ދެ މައްސަލައެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އާންމުވެގެން އުޅޭ ސިޓީގައި ހަނގުރާމަ މަތީ ބޯޓުތަކެއްގެ ވާހަކަ އޮތް ނަމަވެސް އެފަދަ ވާހަކަތަކެއް ސިޓީގައި ނޯންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މީގެ ކުރިން ވެސް ރާއްޖެއިން އދ. ގައި ވޯޓު ދީނީ ވެސް މޮރިޝަސް އާއި ދެކޮޅަށް ކަމަށެވެ. ރާއްޖެ އަކީ އިސްތިއުމާރު ކުރުމާ އަބަދުވެސް ދެކޮޅު ގައުމެއް ކަމަށާއި އެގޮތަށް އޭރު ވޯޓު ދިން މައިގަނޑު ސަބަބަކީ ވެސް ރާއްޖޭގެ މަސްލަހަތު އޮތް މައްސަލައެއް މޮރިޝަސްއިން ހުށަހަޅާފައިވާތީ އެ ކަމަށް "ޕްރޮޓެސްޓް ކުރަން" ކަމަށް ރައީސް ވިދާޅުވި އެވެ.
ދެހާސް ނަވާރަ ވަނަ އަހަރު އދ.ގެ އާއްމު މަޖިލީހުން އެ ގަރާރު ފާސްކުރުމާ ގުޅިގެން ރާއްޖެއިން ލީ ވޯޓުގެ އެކްސްޕްލެނޭޝަންގައި ރާއްޖެއިން ފާހަގަކުރިގޮތުގައި ރާއްޖޭގެ ވޯޓަކީ އެ ގަރާރާ ދެކޮޅަށް ލީ ވޯޓެއް ނޫނެވެ. އަދި އެއީ އިސްތިޢުމާރިއްޔަތާ ދެކޮޅަށް ރާއްޖެއިން ގެންގުޅެމުން އައި ޒަމާންވީ ސިޔާސަތާ ވެސް ދެކޮޅު ވޯޓެއް ނޫނެވެ.
މި މައްސަލާގައި އިޓްލޮސް އިން މިއަދު ނިންމީ ފުށުއަރާ ސަރަހައްދު އިކުއިޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ. މިފަދަ ހާލަތްތަކުގައި އިން ވަކިކުރާނީ އިކުއިޑީސްޑެންސް އަށް ބަލައިގެންނެވެ. މޮރިޝަސްއިން ހުށަހަޅަފައި ވަނީ ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފްއިން ފެށިގެން ކަމަށެވެ.