ޖުމްހޫރީ ޕާޓީ އިން ވަކިވި ހައެއްކަ މީހުންނަށް ވުރެ ގިނައިން އެހެން ޕާޓީތަކުން ޖޭޕީއާ ގުޅިއްްޖެ ކަމަށް ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު ނަވާޒް ވިދާޅުވެއްޖެ އެވެ.
ނަވާޒް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީ ދޫކުރައްވާ އެޕާޓީގެ ވަރަށް އިސް ބޭފުޅުންތަކެއް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ތާއީދު ކުރައްވާ ޖޭޕީ އިން ވަކިވެވަޑައިގަތުމުންނެވެެ.
ނަވާޒް ވިދާޅިވީ ޕާޓީ ތެރެއިން ބަޔަކު ދާނެކަން ޖޭޕީގެ ލީޑަރު ގާސިމަށް ކުރިން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް ޕާޓީ އިން ދިޔަ ހައެއްކަ މީހުންނަށް ވުރެ ގިނައިން އެހެން ޕާޓީތަކުން މީހުން ޖޭޕީ އާ ގުޅިއްޖެ ކަމަށާއި އެ މަސައްކަތް ދަނީ ބާރަށް ކުރިއަށް ކަމަށް ނަވާޒް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހު ދޫކުރައްވާ ޖޭޕީއާއި ގުޅެނީ ކިތައް މީހުންތޯ ބަލަން ތިއްބެވުމަށް ނަވާޒް ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއިން ވަނީ ވަކީން ވާދަ ކުރުމަށް ނިންމާފައި އެވެ. ޖޭޕީން ރައީސް ސޯލިހުއަށް ތާއީދު ނުކޮށް ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމުން މިހާރު ސަރުކާރުގެ މަގާމުތަކުގައި ޖޭޕީގެ ސްލޮޓުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ޖޭޕީ ދޫކުރައްވާ ރައީސް އަށް ތާއިދު ކުރައްވަމުންނެވެ.
އެގޮތުން ޓުއަރިޒަމް މިނިސްޓަރު ޑރމައުސޫމް ވެސް ރޭ ވަނީ ރައީސް ސޯލިހުއަށް ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވާކަން ހާމަ ކުރައްވާފަ އެވެ.
މީގެ އިތުރުން ޖޭޕީގެ އިސްސަފުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ވެސް ވަނީ ޖޭޕީ ދޫކޮށް ރައީސްއަށް ތާއީދުކޮށްފަ އެވެ،