ޑްރަގް ޓްރެގިކް ކުރާ މީހުންގެ އަދަބު ލުއި ކުރާކަން އެނގިވަޑައި ނުގަންނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވިއެޖެ އެވެ.
މިއަދު މަޖިލީހުގައި އިތުރު ސުވާލުގެ ވަގުތުގައި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ މީހުން ބަންދުން ދޫކުރުމާ ގުޅޭ ގޮތުން ސުވާލުކުރެއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒެވެ.
ރިޔާޒް އެއްސެވީ ޑްރަގް ޓްރެފިކްކުރުމުގެ ކުށުގައި ޖަލުގައި ތިބި ގިނަ އަދަދެއްގެ ބަޔަކުވަނީ މުއްދަތަށްވުރެ މާ ލުއިކޮށް އެމީހުން ޖަލުން މިނިވަންކޮށްފައިކަމަށް މައުލޫމާތު ލިބޭ ކަމަށާއި މިކަން ހިނގާފައިވަނީ މިނިސްޓަރުގެ ބައިވެރިވުމާ އެނގުމުގެ ތެރެއިން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަމުގައި ޖަވާބެއް ދެއްވުމަށް އެދިވަޑައިގަތެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވީ ރާއްޖޭގައި ގޭންގުތައް ހިންގާ ފަރާތްތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ އަދަބަށް ލުއެއް އޭނާގެ ފަރާތުން ލިބޭނެ އެއްވެސް ގޮތެއް މެދުވެރިނުވާނެ ކަމަށެވެ.
"ގޭންގްތަކާއި ޑްރަގް ޓްރެފިކްކުރުމުގެ މައްސަލަތަކަކީ އަޅުގަނޑު އަޅައިނުލާ ދޫކޮށްލާނެ ކަމެއް ނޫން،" އިމްރާން ވިދާޅުވި އެވެ.
ޑްރަގްގެ ބޮޑެތި ނެޓްވޯކްތަކާއި ސިޔާސީ ބޭފުޅުންނާއި ވިޔަފާރިވެރިންނާއި ގައުމުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވާ ކަމަށް އިމްރާން ވިދާޅުވި އެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ އެއްވެސް މީހަކާ އަރާ ހަމަކުރުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު މިއަދުވެސް ދަންނަވާލަން ބޭނުން މި މަސައްކަތް ކުރިއަށް ގެންދާއިރުގައި އެއްވެސް ބޭފުޅަކާ އަރާ ހަމަކުރާނަމަ އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން،" އިމްރާން ވިދާލުވި އެވެ.
އިމްރާނުގެ ޖަވާބާމެދު ރުހިވަޑައިނުގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވަނީ މަސްތުވާތަކެތި ވިޔަފާރިކުރުމުގެ ތުހުމަތުގައި ދިގު މުއްދަތުގެ ޖަލު ހުކުމެއްގައި މީހަކު ހުއްޓައި އޭނާގެ އަދަބު ލުއިކޮށް ދާދި މިދާކަަށް ދުވަހު މިނިވަންކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި މަސްތުވާތަކެތި ވައިގެ މަގުން ޓްރެފިކްކުރާ ބިދޭސީން ހައްޔަރުނުކޮށް އަނބުރާ ޤައުމަށް ފޮނުވައިލެވޭ ގޮތަށް ޤަވާއިދެއް ހަދާފައިވާކަން ފާހަގަކުރެއްވި އެވެ.