ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި ދޮގު ހެކި ދިންކަން ސާބިތުވެ އެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް އަންގައިފިނަމަ އެކަން ބަލާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ބަލަން ކްރިމިނަލް ކޯޓުން އަންގައިފިނަމަ އެކަން ފުލުހުން ކުރާނެ ކަމަށެވެ.
މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދަނީ ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިން އާއި ރިޝްވަތުގެ ދައުވާގެ އަޑުއެހުންތަކެވެ.
އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ދޮގު ހެކި ދެއްވި ކަމަށް ބުނެ، އެކަން ސާބިތުކުރުމަށް ދައުލަތުން ވަނީ ލިޔުންތަކެއް ހުށަހަޅައިފަ އެވެ.
ދައުލަތުން ބުނީ ހެކިވެރިންގެ ވާހަކަތަކުން ވަކި ގޮތަކަށް ހެކިބަސްދޭން ތައްޔާރުވެގެން އައިކަން އެނގޭ ކަމަށެވެ.
ދައުވާގެ ދިފާއުގައި ޔާމީންގެ ފަރާތްޕުޅުން ފާހަގަކުރައްވާފައިވާ ޑޮލަރު ގަތުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން ބެލިބެލުމުން، އެކަން އެގޮތަށް ހިނގިނަމަ އެ ތާރީޚުގައި ނަރީޝް ހުންނެވީ އެމްއެންޑީއެފްގެ ޑިއުޓީގައި ކަމަށް ދައުލަތުން ބުނެ އެވެ. އެކަމާ ގުޅޭ ލިޔުންތައް ދައުލަތުން ހުށަހަޅާފައިވެ އެވެ.
ޑޮލަރު ގަތުމުގެ މުއާމަލާތް ހިންގި ގަޑިއެއް ބުނަން ނޭނގޭ ކަމަށް ވެސް ނަރީޝް ވަނީ ވިދާޅުވެފަ އެވެ. ޑޮލަރު ގަތުމުގެ މުއާމަލާތް ހިނގީ ދުވާލުކަން ނުވަތަ ރޭގަނޑުކަން ވެސް ހެކިވެރީންނަށް ބުނެނުދެވުނު ކަމަށް ދައުލަތުން ފާހަގަކުރެ އެވެ.